މަތީ ތަޢުލީމު ޙާސިލުކުރުމަށް ޖަޕާނުގައި ދިރިއުޅެމުންދިޔަ ޚާރިޖީ ވުޒާރާގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.
ޖަޕާނުގައި ނިޔާވެފައިވަނީ ބ.ތުޅާދޫއަށް އުފަން ލުޖައިނާ ތަސްނީމާއެވެ. އޭނާ ނިޔާވުމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ޖަޕާނުގައި ކިޔަވަމުންދިޔައީ މާސްޓަރސް އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސްކަމަށެވެ.
— Ministry of Foreign Affairs 🇲🇻 (@MoFAmv) August 22, 2025
ސްކޯލަރޝިޕެއްގެ ދަށުން ކިޔަވަމުންދިޔަ ލުޖައިނާއަކީ މަސައްކަތަށް ފަރުވާތެރި އޯގާވެރި، އަދި ހިތްހެޔޮ މުވައްޒަފެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. ލުޖައިނާ އެވުޒާރާއާއި ގުޅިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ލުޖައިނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ޢާއިލާއިން ދަނީ ކުރަމުންނެވެ.