19 އަހަރުގެ ދިގު މުއްދަތަކަށްފަހު މަޖީދިއްޔާ ސްކޫލުގެ ހައުސްތަކުގެ މެދުގައި ސްޕޯޓްސް ފިއެސްޓާ ފަށައިފިއެވެ.
ސްކޫލަކީ އުފާވެރި މަޖާ މާހައުލަކަށް ހަދާ ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދާ މި ފިއެސްޓާއަކީ ގްރޭޑް 6 އިން ފެށިގެން ގްރޭޑް 10 އާހަމައަށް ކިޔަވަމުންދާ ދަރިވަރުންނަށް ބާއްވާފައިވާ މުބާރާތެކެވެ.
މިމުބާރާތް މިމަހުގެ 21 ވަނަ ދުވަހު ފަށާފަވާއިރު، މުބާރާތުގެ ކުޅުން ދެން ކުރިއަށްދާނީ މިމަހުގެ 23 ވާ ހޮނިހިރިދުވަހުއެވެ. މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މުބާރާތުގައި 650 ވަރަކަށް ދަރިވަރުން ވާދަކުރަމުން އަންނައިރު، މިއީ ޓްރެކް އިވެންޓުތަކާއި ފީލްޑް އިވެންޓުތައްވެސް ހިމެނޭ މުބާރާތެކެވެ.
މުބާރާތުގައި ހިމެނޭ އިވެންޓުތަކުގެ ތެރޭގައި ލޯންގް ޖަމްޕާއި، ހާރޑްބޯލް ތުރޯ، ދުވުން، ތުރީ ލެގްޑް ރޭސް އަދި އޮބްސްޓެކްލް ރޭސްވެސް ހިމެނެއެވެ.
ސްޕޯޓްސް ފިއެސްޓާއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުގެ ޕްރިންސިޕަލްކަން މިހާރު ކުރައްވަމުންދާ އަހުމަދު މުޖާހިދު ވިދާޅުވީ މި މުބާރާތުގެ ބޭނުމަކީ މަޖީދިއްޔާގެ ދަރިވަރުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ. ހަމަ މިފަދަ މުބާރާތެއް ގްރޭޑް 1 އިން 5 އާ ހަމައަށް ކިޔަވަމުންދާ ދަރިވަރުންނަށްވެސް ދާދިފަހުން ބާއްވާފައިވާކަމަށް މުޖާހިދު ފާހަގަކުރެއްވިއެވެ.
"މަޖީދިއްޔާ ސްކޫލުގެ އިންޓަ ހައުސް ފިއެސްޓާ މިބާއްވަނީ ވީހާވެސް ގިނަކުދިންނަށް ކުޅިވަރުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށްޓަކައި. ދެން އެގޮތުން އަޅުގަނޑުމެން މިހާރުވާނެ އާފްޓަރނޫން ދަންފަޅީގެ ކުދިންނަށް ނުވަތަ ގްރޭޑް 1-5ގެ ކުދިންނަށް ވާނެ ބާއްވާފަ. ސްކޫލުގައި އެކުދިންގެ އުމުރާގުޅޭ އެކިކަހަލަ އެކްޓިވިޓީސްތައް ހުންނާނެ ބޭއްވިފަ. ދެން އޭގެ އިތުރުން ބޮޑެތި ކުދިންނަށް، ހެނދުނު ދަންފަޅީގަ މިއަންނަނީ ގްރޭޑް 6އިން ފެށިގެން 10އާ ހަމައަށް. ދެން މިކުދިންނަށް ސްޕޯޓްސްމީޓެއް މިބާއްވަނީ ބައިވަރު ކުޅިވަރުތަކަކާ އެކީގަ. މިއީ ވަރަށް ކުދިން ބޭނުންވާކަމެއް. ކުދިންގެ ކިޔެވުމަކީ ހަމައެކަނި ކުލާހުގެ ހަތަރު ފާރުގެ ތެރޭގައި ކުރާކަމެއް އެކަންޏެއްވެސް ނޫން" މުޖާހިދު ވިދާޅުވިއެވެ.
މުޖާހިދު ވިދާޅުވީ ކްލާސްރޫމުގެ ތެރޭގައި ދެވޭ ތައުލީމުގެ އިތުރުން ކުދިންނަކީ ކުޅިވަރުގެ މައިދާނަށް ނެރެންޖެހޭ ބައެއްކަމަށެވެ. އަދި މިއީ ކޮންމެ ދަރިވަރަކަށްވެސް ސްކޫލްތަކުން ފޯރުކޮށްދޭންޖެހޭނެ ފުރުސަތެއްކަމަށް އޭނާ ގަބޫލުކުރައްވައެވެ. ސްކޫލުގެ ކޮންމެ ކުއްޖަކީ އެންމެ މޮޅަށް ކުޅިވަރުކުޅެންޖެހޭނެ ކުއްޖަކަށް ވާން ނުޖެހޭނެކަމަށާ، އެހެންނަމަވެސް ސްކޫލުދައުރާ ދަރިވަރުން ވަކިވެގެން ދާހިނދު ކޮންމެ ކުއްޖަކަށްވެސް ސްކޫލު ދުވަސްވަރު ކޮންމެވެސް ކުޅިވަރެއްކުޅުމުގެ ފުރުސަތު ހޯދަދޭންޖެހޭނެކަމަށް މުޖާހިދު ވިދާޅުވިއެވެ.
"ސްކޫލުގެ ހުރިހާ ކުދިންނަކީ ކޮންމެހެން އަދި އެންމެ މޮޅަށް ކުޅިވަރުކުޅޭ ކުދިންނަށް ނުވެދާނެ. އެހެންނަމަވެސް ސްކޫލު ދައުރު ނިންމާފަ އެކުދިންދާއިރު، އެކުދިންނަށް އެކިއެކި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބެންވާނެ. އެއީ ކުދިންނާއެކު އޮންނަ ގުޅުންވެސް ވަރުގަދަވެގެންދާކަމެއް. އެއީ ކުދިންނާއެކު އޮންނަ ގުޅުންވެސް ވަރުގަދަވެގެންދާކަމެއް. އެއީ ޓީޗަރުންނާ ކުދިންނާވެސް ގުޅުންވަރުގަދަވެގެންދާކަމެއް. މަޖީދިއްޔާ ވަރަށް ޒަމާންތަކަކަށްފަހު އިންޓަހައުސް މިބޭއްވެނީ. އިންޓަ ހައުސް ބޭއްވުމަކީ ކުދިންވެސް ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްކަންވެސް އަޅުގަނޑު ފާހަގަކޮށްލަން" މުޖާހިދު ފާހަގަކުރެއްވިއެވެ.