ޚަބަރު

ރައީސް ބައްދަލުކުރެއްވި 100ވަނަ ކައުންސިލަކަށް ރަސްގެތީމު ކައުންސިލު


  • ރައީސްވަނީ އަތޮޅުތަކުގެ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އަތޮޅުތަކަށް ދަތުރުފުޅެއް ފައްޓަވާފައި

  • މިހާތަނަށް 10 އަތޮޅުގެ 100 ކައުންސިލާ ވަނީ ބައްދަލުކުރައްވާފައި

  • އެމަނިކުފާނުގެ ޢަމާޒަކީ ކުރިއަށް އޮތް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވުން

ވެރިކަމާ ހަވާލުވެވަޑައިގެން މިވީ 3 މަހާއި، ދެ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ 100 ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

100 ވަނަ ކައުންސިލްގެ ގޮތުގައި އެމަނިކުފާނު ބައްދަލުކުރައްވާފައި ވަނީ މިހާރު ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރ. ރަސްގެތީމު ކައުންސިލާއެވެ. މި ބައްދަލުކުރެއްވުން އޮތީ ރ. އަތޮޅު ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ގާތުން ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް މަސައްކަތްޕުޅެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނު އަތޮޅުތަކަށް ދަތުރުފުޅު ފައްޓަވާފައިވާއިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ޢަމާޒެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި 10 އަތޮޅުގެ 50 ރަށަކަށް މިވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނަށް ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނު ނަމަވެސް، ކޮންމެ އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ކައުންސިލްތަކާ ދަނީ ބައްދަލުކުރައްވަމުންނެވެ. އަދި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރައްވައެވެ.

ކައުންސިލްތަކުން ފާހަގަކުރައްވާގޮތުގައިވެސް، ސަރުކާރުގެ މިހާ ކުރީކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލުކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ރައްޔިތުންނާއި ގާތުން ބައްދަލުވެ، އަދި ރަށްރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ކަންކަން ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްސާކުރެއްވުމުގެ ފުރުޞަތު ލިބިގެންދާކަން ކައުންސިލްތަކުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި 100 ވަނަ ކައުންސިލް، ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ މީގެކުރީގައި ކައުންސިލްތަކުން ރައީސްއާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު ގިނަ ފަހަރަށް ލިބެނީ، އެޕޮއިންޓްމަންޓް ހައްދައިގެން ވެރިރަށް މާލެއަށް ގޮސްގެނެވެ. ނަމަވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައި ކައުންސިލްތަކަށް ދަޢުވަތު ދެއްވައިގެން، އެ އަތޮޅެއްގައި ރަށުގައި ނުވަތަ ރަށް ހިމެނޭ ސަރަޙައްދުން ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

މި ބައްދަލުވުމުގައި ކައުންސިލްތަކުން ހުށައަޅަން ބޭނުންވާ ހުރިހާ ކަމެއް، ރައީސްއާއި ވަޒީރުންނާއި ހުށައެޅުމުގެ ފުރުޞަތު ކައުންސިލްތަކަށް ލިބިގެންދިޔަކަން ރަސްގެތީމު ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"އަމިއްލަ ރަށްރަށަށް ސަރަޙައްދަށް ރައީސް ވަޑައިގެން، ކައުންސިލްތަކަށް ދަޢުވަރުދެއްވާ މި ބައްދަލުކުރައްވަނީ. މިއީ ލާމަރުކަޒީ މަސައްކަތުގެ ވަރަށް ރީތި ނަމޫނާއެއް. ކުރިން މި ފުރުޞަތު ލިބެނީ އެޕޮއިންޓްމަންޓް ހޯދާ މާލެ ގޮސްގެން. އަދި 100ވަނަ ކައުންސިލްގެ ގޮތުގައި ރަސްގެތީމު ހިމެނުމަކީ ލިބޭ ޝަރަފެއް." ރަސްގެތީމު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުރިއަށް މިއޮތް 2-3 ހަފްތާ ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ޢަމާޒެކެވެ.

އެގޮތުން މިދަތުރުފުޅުގައި ހުރިހާ ރަށަކަށް ވަޑައިނުގެނެވުނުނަމަވެސް، ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. ވަރަށް މަދު ކައުންސިލަކުން އުޒުރުވެރިވިނަމަވެސް، ހުރިހާ ކައުންސިލަކަށް ބައްދަލުކުރެއްވުމަށް ދަޢުވަތުދެއެވެ. އަދި ޖުމްލަކޮށް ހުރިހާ ކައުންސިލްތަކުންވެސް ބައްދަލުވުމުގައި ބައިވެރިވެ، ރައީސްއާއި ރައްޔިތުންގެ ޚިޔާލާ ޝަކުވާތައް ހުށައެޅުމަށް ލިބޭ މި ފުރުޞަތުގެ ބޭނުން ދަނީ ހިފަމުންނެވެ.

މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެގައެވެ. އެމަނިކުފަނުގެ 5 އަހަރުގެ މި ދަޢުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުމަކީ އެމަނިކުފާނުގެ ޢަމާޒުއެވެ. އެގޮތުން 2026 ވަނަ އަހަރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.