ރައްޔިތުންނަށް ކައުންސިލްތަކުން ދޭޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 9 ކައުންސިލަކާއެކު އެއްބަސްވުން ހެދި މަސައްކަތް ކުރަމުންދާ ކަމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކުންފުނިން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އެސްއޯއީ ކޮމެޓީއަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްދެމުންނެވެ.
ދައުލަތުގެ އިދާރާތަކުން ދޭހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން ދަނީ ޓްރޭޑްނެޓް ކުންފުނިންނެވެ. އެކުންފުނިން ދަނީ މިކަމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ވަން ގަވް، ޚިދުމަތާއި ދައުލަތުގެ އިދާރާތައް ގުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. މި ޚިދުމަތަކީ ދައުލަތުގެ ހުރިހާ އިދާރާއަކުން ރައްޔިތުންނަށް ދޭޚިދުމަތް އެއްތަނަކުން ލިބޭނެހެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މިމަސައްކަތުގެ ތެރެއިން ކައުންސިލްތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ޓްރޭޑްނެޓުން ކުރަމުން ދެއެވެ. އަދި މިހާތަނަށް ވަންގަވް މެދުވެރިކޮށް ޚިދުމަތް ދެމުންދަނީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. މިކަމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ދެއްވަމުން ޓްރޭޑްނެޓްގެ މެނޭޖިން ޑިރެކްޓަރ ސައިދާ އުމަރު ވިދާޅުވީ އެކުންފުނިން ކައުންސިލްތައް ވަން ގަވް އަށް ގެނައުމަށް މިދިޔަ އަހަރު މަސައްކަތް ފެށި ކަމަށެވެ.
ޓްރޭޑްނެޓުން ކުރެވުނު މަސައްކަތުގެ ތެރެއިން 9 ކައުންސިލަކާއިއެކު އެއްބަސްވުން ހެދުނު ކަމަށް އެނާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ކައުންސިލްތަކުން ދޭޚިދުމަތްތައް ތަރުތީބުކޮށް، ނިޒާމާއި ގުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ. 9 ކައުންސިލެއް ވަންގަވް އާއި ގުޅާލުމަށް މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 40 ކައުންސިލަކުން އެކަމަށް ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ.
މިމަސައްކަތުގެ ތެރެއިން ޓްރޭޑްނެޓްގެ އަމާޒަކީ މަސައްކަތް އެއްކޮށް ނިންމައި، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމަށްވާ 2027 ގެ ނިޔަލަށް ހުރިހާ ކައުންސިލެއްވެސް ޑިޖިޓަލައިޒް ކުރުން ކަމަށް އެކުންފުނިން ބުނެއެވެ. އެމަސައްކަތަށް ޙާއްސަ ޓީމެއް، ނަގައި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށްދާ ކަމަށް ސައިދާ ވިދާޅުވިއެވެ. އޭނާ ވަނީ މިމަސައްކަތް ކުރުމުގެ ޤާބިލްކަން ކުންފުނީގެ ހުރި ކަމަށާއި، ބޭނުންޖެހިއްޖެ ހާލަތެއްގެ ކުންފުނީގެ ޤާބިލްކަން އިތުރުކުރަންވެސް ފުރުސަތުވެސް ފަހިވެފައިވާ ކަމަށެވެ.
"މޯލްޑިވްސް 2.0" ނުވަތަ ދިވެހި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ނިޒާމު އެއްކޮށް ބަދަލުކޮށް ހާމަކަންބޮޑު އަދި ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުލަތުގެ ޑިޖިޓަލައިޒް ކުރުމުގެ ތަޞައްވުރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ރައްކާތެރި ނިޒާމެއްގެ ތެރެއިން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތް މިނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.