އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ތައްޔާރުވުމުގެ ގޮތުން މެޗުގެ ވާމްއަޕްގައި ޗެލްސީގެ މިޑްފީލްޑަރ ކޯލް ޕާމާ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ މި މެޗުގައި ކުޅެފައެއް ނުވެއެވެ.
ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ބެޓިން މައްސަލައެއްގައި ސަސްޕެންޑް ކުރި ފަހުން އޭނާ ވެސްޓް ހޭމް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ނަމަވެސް އޭގެ 9 މިނިޓު ފަހުން ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ އޭނާ ޗެލްސީ އާއި ގުޅުނު ފަހުން ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯގެ އެސިސްޓަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ނެޓޯ އެވެ. އަދި އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން 11 މިނިޓަށް ވެފައިވަނިކޮށް އެސްޓެވާއޯ ވިލިއަންގެ އެސިސްޓަކުން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި މޯސެސް ކައިސޭޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޓްރެވާ ޗަލޮބާ ކާމިޔާބުކޮށްދިން ލަނޑާއެކު ޗެލްސީ އަށް ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ މި ނަތީޖާ އާއިމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި މެޗު ނިކުތުމުގެ ކުރިންވެސް ކޯލް ޕާމާ އެއްކޮށް ފިޓު ނޫން ކަމަށާއި ނަމަވެސް ވޯމްއަޕްގައި ދިމާވި ކަންތަކާއިއެކު އިތުރު ރިސްކެއް ނަގަން ބޭނުންނުވާތީ އޭނާ މި މެޗުގައި ނުކުޅުވީ ކަމަށެވެ.