ޚަބަރު

ކިނޮޅަސް ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި


  • ރަށްގިރުން ހައްލުވުމުން ލޯކަލް ޓޫރިޒަމް ފުޅާކުރެވޭނެ

  • މި މަޝްރޫޢުގެ ދަށުން 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ

  • މި މަޝްރޫޢަށް 11.45 މިލިއަން ރުފިޔާ ޚަރަދުވާނެ

ރ. ކިނޮޅަހު ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދާއި، އެމް.ޓީ.ސީ.ސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ، އަޙްމަދު ލަތީފްއެވެ.

އާބާދީގައި ގާތްގަނޑަކަށް 700 އެއްހާ މީހުން ދިރިއުޅޭ ކިނޮޅަހަކީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ރަށެކެވެ. އެގޮތުން މި މަސައްކަތައް އޮތް ހުރަހަކީ އެ ރަށުގެ ރަށްގިރުމުގެ މައްސަލަކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ކިނޮޅަހުގެ ކައުންސިލް ރައީސް އަޙްމަދު ޙުސެއިން ވިދާޅުވީ، ރަށްގިރުމުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއްކަމަށެވެ. 2008 ވަނަ އަހަރު ބަނދަރު ތަރައްޤީ ކުރީންސުރެއް ރަށްގަރުމުގެ މައްސަލަ އެރަށަށް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ޙުސެއިން ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް 2012 ވަނަ އަހަރުން ފެށިގެން އެދެމުން ދާކަމަށެވެ. އެހެންނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާކަމަށެވެ.

ކައުންސިލްގެ ރައީސް އަޙްމަދު ޙުސެއިން ވިދާޅުވީ ރަށުން އެންމެ ބޮޑަށް ގިރަމުން ދަނީ ރަށުގެ އިރުމަތިންނާއި ހުޅަނގު ފަރާތުންކަމަށެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ލޯކަލް ޓޫރިޒަމަށް ރަށުގެ ހުޅަނގު ފަރާތުން ބޮޑުބައެއް ޚާއްސަކޮށްފައިވާކަމަށް އަޙްމަދު ޙުސެއިން ވިދާޅުވިއެވެ.

"އަސްލު ރަށުގެ އެންމެ ބޮޑަށް ގިރަމުން މިދަނީ އިރުމަތި ފަރާތާއި ހުޅަނގު ފަރާތް. ލޭންޑް ޔޫސް ޕްލޭންގައި ހުޅަނގު ފަރާތް ވާނީ ލޯކަލް ޓޫރިޒަމްއަށް ކަނޑައަޅާފައި. އެހެންވީމައި އެންމެ ބޮޑަށް މި ދެ ސަރަޙައްދު ޚިމާޔަތް ކުރުން މުހިންމު" އަޙްމަދު ޙުސެއިން ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ ހައްލުވެގެން ދިޔުމުން ރަށަށް އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ކުރިއެރުން އަންނާނެކަމަށް ކިނޮޅަހު ކައުންސިލުން ވިދާޅުވެއެވެ.

ކިނޮޅަހުގެ ގިރާ ސަރަޙައްދު ޚިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެމް.ޓީ.ސީ.ސީގެ އަމާޒަކީ ކިނޮޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

ރ. ކިނޮޅަހުގެ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާއަށެވެ.