2 އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށް އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށްޓަވައިދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.
އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. މި ސްކޫލުގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައެވެ.
ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާ ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމަކީ އެ ސުކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ނުހަނު އުފާކުރާނެ ކަމެއްކަމަށެވެ.
ޢަރަބިއްޔާ ސުކޫލްގެ ދަރިވަރުން ދާއިމީ އިމާރާތެއް ނެތި އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު ކިޔަވަމުންދާ ތަނަކީ ދަރިވަރުންނާއި މުދައްރިސުންނަށް އެންމެ އެކަށީގެންވާ ވަސީލައްތައް ޤާއިމުވެފައިވާ ތަނެއް ނޫންކަމަށެވެ. އެހެންނަމަވެސް ޢަލަށް އިމާރާތްކުރާ 10 ފަންގިފިލާގެ މި އިމާރާތަކީ ދަރިވަރުންނާއި މުދައްރިއްސުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ފުރިހަމަވެގެން ބިނާ ކުރެވޭނެ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިން އަކާއެކު ތަރައްޤީކުރާ ފުރަތަމަ ސުކޫލް އިމާރާތްކަމަށެވެ. މީގެ އިތުރުން ސުކޫލަށް ބޭނުންވާ އިތުރު ޚިދުމަތްތައްވެސް ޤާއިމްކުރެވެވިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި އިމާރާތަކީ 10 ބުރީގެ އެންމެ ޒަމާނީ އިމާރާތެއް. މި އިމާރާތަކީ އެންމެ ފުރަތަމަ އަންޑާރ ގްރައުންޑް ޕާކިންއެއް ލެވިފައި ދިވެހި ރާއްޖޭގައި ޤާއިމްކުރާ ސުކޫލް އިމާރާތައް ވެގެންދާނެ. 150އަށް ވުރެ ގިނަ ސައިކަލު އަދި ސުކޫލަށް ބޭނުންވާ މުހިންމު 4 ފުރުޅުލީ ވެހިކަލްތައްވެސް ޕާކިން އޭރިޔާ ތެރޭގައި ޕާކު ކުރެވޭ ގޮތައް ފަރުމާ ކުރެވިފައިވަނީ. 42 ކުލާސް ރޫމް، ސައިންސް ލެބް، ލެބޯޓްރީސްތަކާއި މަލްޓިޕާޕަސް ހޯލް އަދި ކުދިން ކުޅޭނެ ޓާރފެއްވެސް މި ގޯތި ތެރޭގައި ހިމެނޭނެ" ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވަނީ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއެކު ދަރިވަރުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމުގެ ޔަޤީންކަން އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވާފައެވެ. އަދި މީގެ ކުރިން ޢަރަބިއްޔާ ސުކޫލް އެޅުމަށް ކަނޑައެޅިގެން ދިޔަ ބިމަކީ އެންމެ ރަނގަޅު ބިމެއް ނޫންކަމަށާއި އެއީ ޓްރެފިކްވެސް ބާރު ބޮޑު ސަރަހައްދެއްކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ސުކޫލް އިމާރާތް ކުރާ ސަރަހައްދަކީ އެންމެ އެކަށޭނަ އަދި ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ފަސޭހަވާނެ ސަރަހައްދެއްކަން ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި އިމާރާތާއެކު ޢަރަބިއްޔާ ސުކޫލްގެ އައު ޞަފްޙާއެއް ފެށި، ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެވެސް ހުރި ކަންބޮޑުވުންތައް ހައްލުވެގެން ދާނެކަމަށެވެ.
ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ-14ގައި ހިމަނުއްވާފައިވާ މުހިންމު މަސައްކަތެއްވެސްމެއެވެ.
ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހުއެވެ.