ޚަބަރު

އައްޑޫ ފެނާއި ކުނީގެ މައްސަލަ ރަނގަޅުކުރުމަށް ބަލަންޖެހޭ ކަންކަމަށް ބަލައި ޙައްލު ހޯދާނަން: ޠާރިޤު


  • އައްޑޫގައި ކުނި މެނޭޖްކުރުން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް ދެނެގަންނާނެ

  • އެންމެ ބޮޑު ކަންބޮޑުވުމަކީ ކުނި މެނޭޖްކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތުން

  • އެކަންކަން ރަނގަޅުކުރަމަަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނެކަމަށް

އައްޑޫ ސިޓީގެ ފެނުގެ ޚިދުމަތާއި، ކުނި މެނޭޖު ކުރުމުގެ މަސައްކަތް މިހާރަށްވުރެ އިތުރަށް ރަނގަޅުކުރުމަށްޓަކައި ބަލަން ޖެހޭ ކަންކަމަށް ބަލައި ހައްލު ހޯއްދަވައިދެއްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައެވެ.

ވަޒީރު ވިދާޅުވީ، މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެ ވުޒާރާގެ މެންޑޭޓުގެ މުހިންމު އެއް މަސައްކަތް ކަމުގައިވާ ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ގާތުން ބަލަންޖެހޭ މަސައްކަތަކަށްވާތީ އައްޑޫ ސިޓީގައި މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވުންކަމަށެވެ.

ވަޒީރު ވިދާޅުވީ ފެނާއި ކަރަންޓު ޚިދުމަތް ރަނގަޅު ގޮތެއްގައި ލިބުމަކީވެސް އައްޑޫގެ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް ފެނަކައިގެ މަސައްކަތްތަކުގައި މައްސަލަތަކާއި ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން އެ މައްސަލަތަށް ގާތުން ބަލައި އެކަން ހައްލުކުރެވެން އޮތީ ކޮން ގޮތަަކަށްތޯ ބެލުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން، ފެނާއި ނަރުދަމާ، ނޭޗަރ ޕާކު އަދި ބަޔޮސްފިއަރ ރިޒާރވްގެ މަސައްކަތްތަކަކީ އައްޑޫ ސިޓީގައި މިވަގުތު ކުރަމުން އަންނަ މަސައްކަތްތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އަައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި މޭޔަރ އާއި ބައްދަލުކުރިން. މި ބައްދަލުވުމުގައި އައްޑޫގައި ރަނގަޅުކުރަން ހުރި ކަންކަން ކައުންސިލްތަކުން ހިއްސާކުރެއްވި. ހުރިހާ ކައުންސިލަރުންވެސް އައްޑޫ ސިޓީގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް، މިހާރަށްވުރެ ރަނގަޅަށް އެކަންތައް ކޮށްދިނުމަށް އެދުނު."

ވަޒީރު ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ފެނަކައިގެ ކެޕޭސިޓީ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ދެމުންދަނީ އެންމެ ފެން ޕްލާންޓަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ޚިދުމަތް ދެމުންދާނަމަ އައްޑޫ ސިޓީން ފެން ކެނޑުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް އެ ވުޒާރާއިން ތައްޔާރުވަމުން އަންނަ ކަމަށާއި، މެދުކެނޑުމެއްނެތި 24 ގަޑިއިރު އައްޑޫއަށް ފެނުގެ ޚިދުމަތް ލިބޭނެ ގޮތްތައް ބައްލަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަައްޑޫ ސިޓީގެ ޙާލަތު ދެނެގަތުމަށާއި އެކި މުވައްސަސާތަކާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ކުރައްވާ މި ދަތުރާއެކު އެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ބަަލައި، އެކަންތައްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ޙާސިލުކުރަން ބޭނުންވާ މުހިންމު ކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވިއެވެ.