35ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް އިވެންޓުތަކުގެ ޗެމްޕިއަންކަން އައިމިނަތު ވިދާދު އާއި އިބްރާޙީމް ހުޖާން އަލީ ހޯދައިފިއެވެ.
މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ވިދާދު ހޯދީ މިބައިގެ ފައިނަލުގައި އައިޝަތު ނަހުފާއާ ވާދަކޮށް 1-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 12-24 އިން ކާމިޔާބުކުރީ ވިދާދުއެވެ. އެހެންނަމަވެސް ދެވަނަ ސެޓު، 16-21 އިން ކާމިޔާބުކުރީ ނަހުފާއެވެ. އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ވިދާދު ހޯދީ ފަހު ސެޓު، 06-25 އިން ކާމިޔާބުކޮށްގެންނެވެ.
ޤައުމީ ކެރަމް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހުޖާން ހޯދީ ފައިނަލުގައި މުޙައްމަދު މުންތަސިރުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗު ހުޖާން ކާމިޔާބުރީ 1-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ މުންތަސިރެވެ. އޭނާ މި ސެޓު ގެންދިޔައީ 14-25 އިންނެވެ. މި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މި ދެ ސެޓު އޭނާ ގެންދިޔައީ 15-25 އަދި 22-23 އިންނެވެ.
ހުޅުމާލޭ ކެރަމް އެރީނާގައި މިމުބާރާތް ކުރިއަށްދާއިރު މުބާރާތުގެ ކުޅުން ފެށީ ދެވަނަ ޑިވިޝަނުންނެވެ.
މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް އިތުރަށް މައުލޫމާތުދެއްވަމުން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓެރީ ހުސައިން ރައުޝާން ވިދާޅުވީ މިއަހަރަކީ މިމުބާރާތުގައި އެންމެ ގިނަ އަދަދަކަށް ބައިނަލްއަޤްވާމީ ކުޅުންތެރިން ވާދަކުރާ އަހަރެވެ.