ޚަބަރު

ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސްގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މިއީ އިޓަލީ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ލިބޭ ފުރުސަތެއް

  • އިޓަލީއަކީ މިހާރު ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު

އިޓަލީ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ވަރުގަދަކުރުމަށް ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2026' ގައި ބައިވެރިވެއްޖެއެވެ.

އިޓަލީގެ ރިމިނީގައި މިމަހުގެ 14 އިން 16 އަށް ބާއްވާ "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2026" ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ޒަމާންވީ އަދި މުހިންމު އެއް މާކެޓް ކަމުގައިވާ ޔޫރަޕްގެ މާކެޓުގައި، ޚާއްސަކޮށް އިޓަލީގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އަކީ އިޓަލީގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކާއި، ޓުއާ އޮޕަރޭޓަރުން، ޓްރެވަލް އެޖެންޓުން، އެއާލައިންތައް އަދި ހޮސްޕިޓަލިޓީ ދާއިރާގެ އިސް ފަރާތްތައް އެއްތަންވެއެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، މާކެޓުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އައު ފުރުސަތުތައް ހޯދުމަށް ލިބޭ އަގުހުރި ޕްލެޓްފޯމެއް ކަމަށް ވީއެމްސީން ބުނެއެވެ.

މި އަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސްގެ އިސްނެގުމުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ 24 ކުންފުންޏަކުން ޖުމްލަ 48 މަންދޫބުން ބައިވެރިވެއެވެ. ތިން ދުވަހުގެ މި ހަރަކާތުގައި، ރާއްޖޭގެ ވަފުދުން އިޓަލީގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، މާކެޓިން އަދި މީޑިއާ އެޖެންސީތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައި، ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެއެވެ.

ވިޒިޓް މޯލްޑިވްސް މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، އިޓަލީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ވަރަށް ޒަމާންވީ އަދި ބަދަހި ގުޅުމެއް އޮތް ގައުމެއް ކަމަށެވެ. އަމާޒަކީ މި ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގައި ތަޖުރިބާކުރެވެން ހުރި ތަފާތު ގިނަ ކަންކަން އިޓަލީގެ ފަތުރުވެރިންނަށް ތައާރަފުކުރުން ކަމަށް ޔާސިރު ވިދާޅުވިއެވެ. އޭނާ ވަނީ ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއަންސްގެ ސަބަބުން އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ސީދާ ބައްދަލުކޮށް، ގުޅުން ބަދަހިކުރާނެ އާ މަގުތައް ހޯދައި، ރާއްޖެއާ ބެހޭ ފުޅާ މައުލޫމާތު މާކެޓަށް ފޯރުކޮށްދިނުމުގެ މުހިންމު ފުރުސަތެއް ލިބިގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ހަރަކާތްތަކުގެ ތެރެއިން ޕާޓްނަރުންނާ ގުޅިގެން ކުރާ މަސައްކަތުން، ރާއްޖެއަށް އޮތް ޝައުގުވެރިކަން ދަމަހައްޓައި، މި ދާއިރާ އިތުރަށް ކުރިއެރުވުމަށް އާ ފުރުސަތުތައް ފަހިވެގެންދާނެ ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މި ފެއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަކޮށްފައިވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ 96 އަކަމީޓަރުގެ ހިތްގައިމު ސްޓޭންޑެކެވެ. މި ސްޓޭންޑް މެދުވެރިކޮށް، ރާއްޖެއިން ބައިވެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި އެންމެ ފަހުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ، ތާރީޚީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ މާކެޓެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ބައިނަލްއަގުވާމީ ފަތުރުވެރިންގެ ތެރޭގައި އިޓަލީގެ ރައްޔިތުން ހިމެނޭއިރު، އެ ގައުމާއި ރާއްޖެއާ ދެމެދު ވަނީ ޒަމާންވީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުނ މިމަހުގެ ނިޔަލަށް އިޓަލީން ރާއްޖެއަށް 100,779 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެ ގައުމަކީ މިހާރު ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

މި މާކެޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ވަނީ މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި "އަލްޕިޓުއާ" އާ ގުޅިގެން ކުރިއަށްގެންދިޔަ މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރަކާއި، "ސްޕޯޓިންގ ވެކެންޒޭ" އާއެކު ކުރިއަށްގެންދިޔަ ޖޮއިންޓް މާކެޓިންގ ކެމްޕޭން ފާހަގަކޮށްލެވެއެވެ. "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ގައި ބައިވެރިވުމަކީ، މި މަސައްކަތްތަކުގެ ތެރެއިން އިޓަލީން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް އެޅުނު އިތުރު ބާރެކެވެ.