ޚަބަރު

މާލޭ ސަރަޙައްދުގައި ވިހަގޭސް ހުރި މިންވަރު ބެލުމަށް ޚާއްޞަ ވަސީލަތްތަކެއް ހަރުކުރަނީ


  • ހުޅުމާލޭގެ ދެ ސަރަޙައްދެއްގައި ވަނީ ހަރުކޮށްފައި

  • މާލޭގައި މި ވަސީލަތްތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ބޭނުމަކީ ދިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން

މާލޭ ސަރަޙައްދުގެ ވައިގައި ވިހަ ގޭސް ހުރި މިންވަރު ދެނެގަތުމަށް ޚާއްސަ ވަސީލަތްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވައިގައި ވިހަ ގޭސް ހުރި މިންވަރު ދެނެގަތުމަށް މޮނިޓަރުކުރާ ވަސީލަތްތައް ހަރުކުރަން ނިންމާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލޭގެ ދެ ސަރަޙައްދެއްގައި ވިހަ ގޭސް ހުރި މިންވަރު ބަލާ އާލާތްތައް ހަރުކޮށްފައިވާއިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ މާލޭގައިވެސް މި އާލާތްތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަތް ދާކަމަށެވެ. އަދި މިކަމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަ ކުރުމަށް ފިޔަވަޅު އެޅުމަށް ފަސޭހަވަގެން ދާނެކަމަށެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ޖައްވަށް ވިހަ މާއްދާތައް ދޫކުރާ މިންވަރު މަދު ނުވަތަ ލޯ އެމިޝަން ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކުރުން މުހިންމުކަމަށާއި، އެކަމަށް ރަނގަޅު ޓްރާންސްޕޯޓް ޕްލޭނެއް ބޭނުންވާކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މާލެ ސަރަޙައްދުގައި ރަނގަޅު ޓްރާސްޕޯޓް މާސްޓަރ ޕްލޭނެއް އޮތްނަމަ، އަޅުގަނޑުމެންނަށް އިތުރު ލޯ އެމިޝަން ޓްރާންސްޕޯޓް ސިސްޓަމްތަކެއް ޤާއިމް ކުރެވޭނެ. އިލެކްޓްރިކް ކާރާއި، ބައިސިކަލް އަދި މިނޫންވެސް ދުއްވާ އުޅަނދުތައް އިތުރު ކުރެވި، މިހާރު މާލެ ސަރަޙައްދުގައި ޑީސަލް ފަދަ ތަކެތި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް މަދު ކުރެވިގެންދާނެ" ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، މާލެ ފަދަ ތޮއްޖެހިފައި އޮތް ތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް، ވެހިކަލްތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން ސިއްޙީ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

ވަޒީރު ވިދާޅުވީ، މާލެއަކީ މިހާރަށްވުރެ އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ.

މާލޭ ސަރަޙައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ދަށުން އިލެކްޓްރިކް ބަސް، އިލެކްޓްރިކް ބައިކް ސްކީމް ތަޢާރަފް ކުރެވި، މާލެ ސަރަހައްދުގެ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ތެލައަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޖައްވަށް ބޭރުވާ ވިހަ ގޭސްވެސް މަދު ކުރެވިގެން ދާނެކަމަށެވެ.

މި ޕްލޭންގެ ދަށުން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަކީ ކަރަންޓު ބޭނުންކޮށްގެން ދުއްވާ އުޅަނދު ފަހަރަށް ހެދުމާއި، އުޅަނދުތަކާއި ޓްރެފިކް އަދި ޕާކިން ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާ ގަވާއިދުތަކާއި ސިޔާސަތުތައް ހަރުދަނާ ކުރެވިގެން ދާނެއެވެ. އަދި އާންމު ދަތުރު ފަތުރުގެ ތެރެއަށް އީ-ބަސް އަދި އީ-ބައިކް ތަޢާރަފް ކުރެވިގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހަމައެހެންމެ ރައްކާތެރިކަމާއި، ފަސޭހަކާމާއެކު މަގުތައް ބޭނުން ކުރެވޭނެ ގޮތް ހެދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.