ޚަބަރު

ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ނިންމަވައިފި


  • މި މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ވަނީ ނިންމާފައި

  • ތަރައްޤީކުރާނީ ގުދުރަތީ ރީތިކަމާއި ދިރުންތަކަށް ގެއްލުން ނުވާނެގޮތަކަށް

  • ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ވިޒިޓަރ ސެންޓަރެއް

ގުދުރަތީ ރީތި ހިތްގައިމުކަމެއް ލިބިފައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަނަކީ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، ކޭލަކުނުގައި އިކޯ ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމާފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ކޭލަކުނަކީ އިކޯ ޓޫރިޒަމަށް ތަރައްޤީ ކުރާ ރަށެއްކަމަށް ކަނޑައަޅުއްވާ، އެމަސައްކަތް ފަށައި، ވީހާވެސް އަވަހަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

ނާޡިމް ވިދާޅުވީ، ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްޤީކުރާއިރު އެރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނޭ ގޮތަކަށް، ރަށް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމެންޓް އެންޑް އެނާޖީއާއި އަދި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން މަޝްވަރާ ކުރެވެމުން ދާކަމަށެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތިމާވެއްޓާއި ރައްޓެހި ޒަމާނީ ފެންވަރުގެ ވިޒިޓަރ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ.

"ކޭލަކުނުގެ ތާރީޚާއި، ރަށުގައި ހުރި ތާރީޚީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ދެވޭނޭ އިންތިޒާމް ޤާއިމުކުރުމަށް ވާނީ ނިންމަވާފައި. ތިބޭފުޅުންވެސް ކުޑަކޮށް ދިރާސާ ކޮލީމަ އެނގިލައްވާނެ ކޭލަކުނަކީ ވަރަށް ބޮޑު ތާރީޚެއް އެކުލެވިފައިވާ ރަށެއް. އެއްޒަމާނެއްގައި މީހުން އާބާދުވެ އުޅުނު ރަށެއްގެ ގޮތުގަ އެރަށް ވަނީ." އަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

އަބްދުﷲ ނާޡިމް ވިދާޅުވީ، ރަށުގެ މުރަކަތަކާއި ފަޅުތަކަށް ގެންލުން ނުވާނޭ ގޮތަށް، ޒިޔާރަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ފްލޯޓިންގ ރޫމްތަކެއް އެޅޭނެ ގޮތެއް އޮތްތޯ، ބަލައި ވިޒިޓަރ އިކޮނޮމިކް ކައުންސިލުން ދިރާސާކުރަމުންދާކަމަށެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ އަލަށް އެކުލަވާލެއްވި ކައުންސިލެކެވެ. މި ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒެވެ. ކޯޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލެވެ.

މި ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފައްދާފައިވާ ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.