ޚަބަރު

19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީކުރަން ޙަވާލުކުރައްވައިފި


  • ބޭނުމަކީ ރަށްތަކުގައި ކަރަންޓް ވިއުގަތައް ޒަމާނީކުރުން

  • މަޝްރޫއުޢާއެކު އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއަށް ކުރިއެރުން އަންނާނެ

  • އެހެން ރަށްތަކުގައިވެސް މި ފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނެ

  • މަޝްރޫއުގެ ޖުމްލަ އަގަކީ 404 މިލިއަން ރުފިޔާ

ރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ކުންފުނިތަކަކާއެކުއެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު، ކުރިއަށް ގެންދާ އެކްސެލެރޭޓިން ރިނިއުބަލް އެނަރޖީ އިންޓިގްރޭޝަން އެންޑް ސަސްޓެއިނެބަލް އެނަރޖީ - އެރައިސް މަޝްރޫއުގެ ދަށުން ރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3 ޒޯނަކަށް ބަހާލައިގެންނެވެ.

އެގޮތުން ޒޯން 1 ގައި ހިމެނޭ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ ހިމެނެއެވެ. ޒޯން 2ގައި ހިމެނޭ ރަށްތަކަކީ ބ.އޭދަފުށި. ޅ.ހިންނަވަރު އަދި ކުޅުދުއްފުށި ސިޓީއެވެ. އަދި ޒޯން 3ގައި ހިމެނޭ ރަށްތަަކަކީ ލ. ފޮނަދޫ، އިސްދޫ، ކަލައިދޫ، ދަނބިދޫ، ކުނަހަންދޫ، ހިތަދޫ އަދި ށ.ފުނަދޫއެވެ.

ޒޯން 1 ގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ނަންޖިންގ ސްޓީލް ޓަވަރ މެނުފެކްޗަރިންގ ކޯ ލިމިޓެޑް އާއެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ލީ ގިއަންގއެވެ. އަދި މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

ޒޯން 2 އަދި 3 ގައި ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނާއި، ޝީޖަރްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރއަކުންނެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޔީން ގިންގއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން، އައިޑާގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، އޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ 20 މިލިއަން ޑޮލަރުގެ އެހީގައެވެ. މަޝްރޫއުގެ ޖުމްލަ އަގަކީ 26.2 އެމެރިކާ ޑޮލަރެވެ. އެއީ 404 މިލިއަން ދިވެހި ރުފިޔާއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޕް-28ގައި ދެއްކެވި ވާހަކަފުޅު އަމަލީ ގޮތުން ފެއްޓެވުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.

"ފެނަކައާއި ސްޓެލްކޯގެ މާލެ ފިޔަވާ ދެން ހުރި ރަށްތަކުގައި މިއަދު އަޅުގަނޑުމެނަށް ފެއްޓުނު މަސައްކަތުގެ އިތުރަށް، އިތުރު ޕްރޮޖެކްޓްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ކުރިއަށް އޮތްތަނުގައި އެހެން ރަށްރަށުގައިވެސް ގްރިޑް އަޕްގްރޭޑިން އާއި އޭގެ އިތުރަށް ޕަވަރ ސިސްޓަމް އަޕްގްރޭޑިންވެސް މިއީ ކުރަން ޖެހޭކަމެއް. އެކަންތައް ވެސް އަޅުގަނޑުމެން ކުރާނަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ ޙާލަތު އޮތީ ރަނގަޅަށް ނޫންކަމަށާއި، މިހާރު އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އެއާއެކު މާލެއާއި ހުޅުމާލެ އަދި އަތޮޅުތެރޭގައިހުރި އިންޖީނުގެތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރަންޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) ފަރާތުން ވާހަކަދައްކަވަމުން އަޕޫރްވު ގުޕްތާ މިއީ ވިދާޅުވީ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމަކަށް މުހިންމު މަޝްރޫޢުއެއްކަމަށެވެ. އަދި މިފަދަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ދިނުމަށް އޭއައިއައިބީން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތުގައި ކުރެވޭނެ މުހިންމު މަސައްކަތެއް. މި މަޝްރޫއުގެ ތެރެއިން އިއާދަކުރުވަނިވި ހަކަތައާއި ބެޓެރީ ރައްކާކުރުމުގެ ކަންކަން އިތުރަށް ތަންފީޒުކުރުމުގައި އެހީތެރިކަން ލިބިގެންދާނެ." އަޕޫރްވު ވިދާޅުވިއެވެ.

އިއާދަކުރުވަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުމަށް މަގުފަހިކުރުމުގެ ގޮތުން މި މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި މިހާރު ޤާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކިން ކޭބަލް އަޕްގްރޭޑް ކުރުމާއި، ގިނަދުވަސްވީ ޓްރާންސްފޯމަރުތައް ބަދަލުކުރުމާއި، ރަށްރަށުގައި އަލަށް ހިއްކާފައިވާ ތަންތަނާއި އަލަށް މީހުން އާބާދުވާ ސަރަހައްދުތަކަށް ކަރަންޓް ނެޓްވޯކް ފުޅާކުރުން ހިމެނެއެވެ.

ރަށްތަކުގައި ކަރަންޓް ވިއުގަތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ކުރެވޭ މި މަސައްކަތަކީ އިއާދަކުރުވަނިވި ހަކަތައިން އުފައްދާ ކަރަންޓް އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.