އެއް އަހަރުގެ މުއްދަތަކަށް ކައްޗަލަ އެކްސްޕޯޓްކުރުމަށް 7 ފަރާތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާއިން ކޯޓާ ދޫކޮށްފިއެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާއިން ނޮވެންބަރު 2022 ގައި ބޭއްވި 19 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 19) ގައި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ވަނީ އެމުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނައި، އެކަމަށް ތައްޔާރުވުމަށް 18 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
25 މޭ 2024 އިން ފެށިގެން މި ބާވަތުގެ ހުއިފިލަނޑާއަކީ ސައިޓީސް މުޢާހަދާގެ ޖަދުވަލު 2ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސްގެ ޖަދުވަލު 2ގައި ހިމަނާފައިވާ ބާވަތްތައް އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް އެކްސްޕޯޓުކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ސައިޓީސް ޕާމިޓެއް ބޭނުންވާނެއެވެ.
ވިޔަފާރި އުސޫލުން ކައްޗަލަ އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް މެނޭޖްމަންޓް އޮތޯރިޓީން ސައިޓީސް ޕާމިޓް ދޫކުރާނީ އެކްސްޕޯޓް ކުރާ ޤައުމުގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ"އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް.) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން، ޔަޤީންކުރެވޭ މިންގަނޑެއްގެ މައްޗަށެވެ.
މި ބާވަތުގެ ހުއިފިލަނޑާ ސައިޓީސް މުއާހަދާގެ ޖަދުވަލު 2ގައި ހިމެނުމާ ގުޅިގެން ދިވެހިރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން މިހާރު ވަނީ އެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށްފައެވެ. މި އެންޑީއެފް އިން މި ބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭނެ މިންވަރާއި ހަމަތައް ވަނީ ކަނޑައަޅާފައެވެ.
ހިއްކާފައިވާ މި ބާވަތުގެ ހުއިފިލަނޑާގެ 10.95 ޓަނުގެ ކޯޓާއެއް 12 މަސްދުވަހުގެ މުއްދަތަށް ވަނީ ކަނޑައަޅާފައެވެ. އަދި، މަސްވެރިކަމާބެހޭ ވުޒާރާއިން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ހުއިފިލަނޑާގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް އެ އެވުޒާރާއިން ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އެގޮތުން ޖުމްލަ 7 ފަރާތަކަށް ކައްޗަލަ އެކްސްޕޯޓްކުރުމަށް ވަނީ ފުރުޞަތު ދީފައެވެ.
• އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
• އެސްއެމް އިންވެސްޓްމަންޓް
• މަލަކް އިންވެސްޓްމަންޓް
• ވިލިނގިލި ފިޝް ވިލެޖް
• ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
• ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
• ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
މިއިން ކޮންމެ ފަރާތަކަށްވެސް ކޯޓާ ދޫކޮށްފައިވަނީ 860 ކިލޯ އެކްސްޕޯޓް ކުރުމަށެވެ.
ކައްޗަލަ އެކްސްޕޯޓްކުރުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ކަނޑައަޅާފައިވާ ކޯޓާގެ %55 ޝަރުތުހަމަވާ އެކްސްޕޯޓަރުންގެ މެދުގައި ބަހާނެއެވެ. އަދި ކޯޓާގެ ބާކީ %45 ރިޒާވް ކޯޓާގެ ގޮތުގައި ބަހައްޓާނެއެވެ.
ޝަރުތު ހަމަވާ އެކްސްޕޯޓަރުންނަށް ދޫކުރާ ވަކި ވަކި ކޯޓާގެ މަދުވެގެން %95 އެކްސްޕޯޓްކޮށް ނިމުމުން ރިޒާވް ކޯޓާގެ ތެރެއިން އިތުރު 1.5 ޓަނާ ހަމައަށް ކޯޓާ ހޯދުމަށް އެދި ހުށަހެޅިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޝަރުތުހަމަވާ އެކްސްޕޯޓަރުންނަށް އެފަރާތަކަށް ލިބިފައިވާ ކޯޓާއެކުގައި ނުވަތަ ކޯޓާއިން ބައެއް އެހެން އެކްސްޕޯޓަރަކަށް ބަދަލުކުރެވިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.