ޚަބަރު

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޙާއްސަ ލެބެއް އަމީނިއްޔާ ސްކޫލުގައިވެސް ހުޅުވައިފި


  • މި ލެބް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ

  • މިއީ މިފަދަ 5 ވަނަ ލެބް

  • ހުރިހާ އަތޮޅެއް ހިމެނޭހެން 28 ސްކޫލެއްގައި މިފަދަ ލެބްތައް ޤާއިމުކުރާނެ

  • ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް މިތަންތަނުން ދަސްކޮށްދެވޭނެ

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން އަމީނިއްޔާ ސްކޫލުގައި ޙާއްސަ ލެބެއް ހުޅުވައިފިއެވެ.

އެކަމަށްޓަކާ އަމީނިއްޔާ ސްކޫލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ލެބް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މިފަދަ ލެބްތަކުގެ އެހީގައި ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައްކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކްރާފްޓްގެ މަސައްކަތް ދަރިވަރުންނަށް ދަސްކޮށްދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަލުގައި ހުނަރުވެރި، ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކިވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތްތަނުގައި ސްކޫލްތަކުގައި ހުޅުވިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތައް، އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ޚާއްސަކޮށްފައިވާ ލެބްތައް ހިމެނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ. މިއީ ދަރިވަރުން ޝަޢުގުވެރިވާގޮތަށް ތަޢުލީމު ބައްޓަން ކުރަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޑިޔުކޭޝަނުން ފާހަގަކުރައްވައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމުކުރުމަށް ނިންމަވާފައެވެ. އަމީނިއްޔާ ސްކޫލް ހިމެނެހޭން މިހާތަނަށް މިފަދަ 5 ލެބެއް މިވަނީ ހުޅުވާފައެވެ. މި ލެބްތަކަކީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

އޭ.އީ.ޑީ.ޕީއަކީ ވޯލްޑް ބޭންކުގެ 9 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުކުރެވިފައިވާ 10 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.