ކުޅިވަރު

އަންހެން ފުޓްބޯޅަ ޓީމު ދުނިޔޭގެ 165 އަށް


ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ދެ ދަރަޖަ ފަހަތަށް ސޮއްސާލައި ދުނިޔޭގެ ރޭންކިންގެ 165 ވަނަ އަށް ހިނގައްޖެ އެވެ.

ކުރިން ރާއްޖެ އޮތީ 163 ވަނާގަ އެވެ. ނަމަވެސް މިހާރު އެ މަގާމުގައި އޮތީ ބޫޓާނެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މިއަދު އިއުލާނުކުރި ފީފާ ރޭންކިންގައި އަށް ދަރަޖައިގެ ކުރިއެރުމެއް ބޫޓާނަށް ވަނީ ލިބިފަ އެވެ.

ފީފާ ރޭންކިންގައި މި ފަހަރު ސާކް ގައުމުތަކުގެ ތެރެއިން ކުރިއެރުން ނުލިބުނީ ހަމައެކަނި ރާއްޖެ އާއި ލަންކާ އަށެވެ. މި ދެ ގައުމަށް ވެސް ދެ ދަރަޖެ ގެއްލުންވިއިރު ރާއްޖެ ލައްވާލަނީ ސަރަހައްދުގެ ފުލުގަ އެވެ. ލަންކާ އޮތީ 161 ވަނާގަ އެވެ.

ސާކް ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޑިޔާ އެވެ. ހަތް ދަރަޖަހައިގެ ކުރިއެރުމަކާއެކު އިންޑިޔާ އޮތީ ދުނިޔޭގެ 63 ވަނާގަ އެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ކުރިއަށް ދެ ވަނު ފަހަރެވެ. ސާކުން ދެ ވަނާގައިވަނީ ނޭޕާލެވެ. 13 ދަރަޖަ ކުރިއަށް ޖެހި ނޭޕާލް ވަނީ ދުނިޔޭގެ 87 ވަނާގަ އެވެ.

ބަނގްލަދޭޝް އަށް 24 ދަރަޖައިގެ ކުރިއެރުމެއް ލިބުނެވެ. މިހާރު އެ ގައުމުގެ ވަނަ އަކީ ދުނިޔޭގެ 104 އެވެ. މުޅި ދުނިޔެއިން ވެސް މި ފަހަރު އެންމެ ބޮޑު ކުރިއެރުން ހޯދި ގައުމަކީ ވެސް ބަނގްލަދޭޝް އެވެ.

ޕާކިސްތާން އޮތީ ތިން ދަރަޖަ ކުރިއަށް ޖެހި ދުނިޔޭގެ 154 ވަނާގަ އެވެ. ބޫޓާނުން ވެސް އަށް ދަރަޖައިގެ ކުރިއެރުމެއް ހޯދި އެވެ.

އަންހެން ރޭންކިންގައި އޭޝިޔާގެ އެއްވަނަ އަކީ ޖަޕާނެވެ. އަށް ދަރަޖައިގެ ވެއްޓުމަކާއެކު އެ ގައުމު އޮތީ ދުނިޔޭގެ އަށް ވަނާގަ އެވެ. ދެ ވަނާގައިވަނީ އުތުރު ކޮރެޔާ އެވެ. ތިންވަނާގައި އޮސްޓްރޭލިޔާ އެވެ. ސައޫދީ އަރަބިއާ އޮތީ ރާއްޖެ އަށް ވުރެ ކުރިން 164 ވަނާގަ އެވެ.

ފީފާގެ އަންހެން ރޭންކިންގައި ވަނީ 196 ގައުމެވެ. މުޅި ދުނިޔޭގެ ރޭންކިންގައި އެއް ވަނާގައިވަނީ ދުނިޔޭގެ ޗެމްޕިއަން ސްޕޭނެވެ. ދެ ވަނާގައިވަނީ އެމެރިޖާ އެވެ. ތިން ވަނާގައި ސްވިޑްން އަދި ޔޫރަޕުގެ ޗެމްޕިއަން އިންގިރޭސިން އޮތީ ހަތަރުވަނާގަ އެވެ. އޭގެ ފަހަތުން ޖަރުމަނާއި ފްރާންސް އަދި ކޮޕާ އެމެރިކާ ޗެމްޕިއަން ބްރެޒިލް އޮތީ ހަތް ވަނާގަ އެވެ. ގަދަ 10ގައި ދެން ހިމެނެނީ ޖަޕާނާއި ކެނެޑާ އާއި އުތުރު ކޮރެޔާ އެވެ.