ބ. އަތޮޅުގެ 3 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރައްވައިފިއެވެ.
ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެއްވީ ބ. ހިތާދޫ ސިއްޙީ މަރުކާޒުގެ އައު އިމާރާތުގެ މަސައްކަތާއި މާޅޮހާއި ދޮންފަޅު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.
މި މަސައްކަތްތަކުގެ ތެރެއިން ބ. ހިތާދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރެއްވީ 33.7 މިލިޔަން ރުފިޔާއަށެވެ. އަދި މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. ބ.މާޅޮހާއި ދޮންފަޅު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކާ ހަވާލުކުރެއްވީ 12.1 މިލިޔަން ރުފިޔާއަށެވެ. އެ ދެ ތަނުގެ މަސައްކަތްވެސް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މާޅޮހާއި ދޮންފަނުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން ތަރައްޤީކުރާނެއެވެ. އަދި ޕްރޮސީޖަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރުމުގެ އިތުރުން ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރުންވެސް މި މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާނެއެވެ.
މި އެއްބަސްވުންތަކުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ.
ބ. ހިތާދޫ އަދި ބ. މާޅޮހު ޞިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާޢިރާ ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މުހައްމަދު ސިރުހާން ބައިވެރިވެވަޑައިގެންނެވިއެވެ.