ކުޅިވަރު

ޓާސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަންކަން އަތުލައިފި


ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަތުން ބާސެލޯނާގެ ކެޕްޓަންކަން ވަގުތީ ގޮތުން އަތުލައިފި އެވެ.

ފާއިތުވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ކީޕަރު އަތުން ކެޕްޓަންކަން އަތުލީ އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް އެ ކުލަބުން ބަލަން ފެށުމުންނެވެ. ބާސެލޯނާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލަ ބަލައި ނިމެންދެން ކެޕްޓަންގެ ޒިންމާ އަދާކުރާނީ ޓީމުގެ ހަތަރު ވައިސް ކެޕްޓަނުންގެ ތެރެއިން ފުރަތަމަ ވައިސް ކެޕްޓަން ރޮނަލް އަރައުހޯ ކަމަށެވެ. ވައިސް ކެޕްޓަނުންގެ ގޮތުގައި ދެން ތިބީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގް އާއި ސްޕޭނުގެ ޕެޑްރީ އާއި ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ.

ބާސެލޯނާއިން ޓާސްޓެގަންގެ ޑިސިޕްލިނަރީ މައްސަލަ ބަލަން ފެށީ ސްޕެނިޝް ލީގަށް ހުށަހަޅަން ޖެހޭ އޭނާގެ މެޑިކަލް ރިޕޯޓްސްތަކުގައި ސޮއި ނުކުރުމުންނެވެ. ހުސްވި ސީޒަނުގައި އެއްކޮށް ނުކުޅެ ހުރި ކީޕަރު ވަނީ ހުސްވި ހަފުތާގައި އުނގަނޑުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މި އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ރިޕޯޓްގައި ވަނީ ޓާސްޓެގަން އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ މަދުވެގެން ހަތަރެއް ނުވަތަ ފަސް ހަފުތާއިން ކަމަށެވެ. ނަމަވެސް ޓާސްޓެގަން ބުނަނީ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ކުޅުމުގެ ތެރެ އަށް އާދެވޭނެ ކަމަށެވެ. އަދި އޭނާ ވަނީ ސްޕެނިޝް ލީގަށް ހުށަހަޅަން އުޅުނު މެޑިކަލް ރިޕޯޓްތަކުގައި ސޮއި ކުރަން ދެކޮޅު ހަދައިފަ އެވެ. މީގެ އިތުރުން އޭނާގެ އޮޕަރޭޝަނުގެ ކަންކަމުގައި އާއި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ބާސެލޯނާގެ ޑޮކްޓަރުންނާ ވެސް ހިއްސާ ނުކުރެ އެވެ.

ބާސެލޯނާ އާއި ޓާސްޓެގަންއާ މައްސަލަ ޖެހުނީ އަނިޔާގެ ސަބަބުން އޭނާ އަށް ނުކުޅެވި އަހަރެއް ފާއިތުވުމުން އެ ކުލަބުން ކުރި އަށް އޮތް ސީޒަނަށް އޭނާގެ ނުގަބޫލުގައި ޒުވާން ގޯލްކީޕަރު ޖޯން ގާސިއާ ގަތުމުންނެވެ. އަދި އެއްވަނަ ކީޕަރުކަން އެސްޕަނިޔޯލް އަށް ކުޅުނު ޖޯން ގާސިއާ އަށް ދޭން ނިންމުމުންނެވެ. ދެ ވަނަ ކީޕަރުކަން ދޭން ނިންމީ ހުސްވި ސީޒަނުގައި ފަހު ބައިގައި ގޯލް ބެލެހެއްޓި ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވޮޝްނިއާ ޝެޒްނީ އަށެވެ. ކުލަބުން ޓާސްޓެގަން އަށް އަންގާފައިވަނީ އޭނާ އަށް އޮތީ ދެ ގޮތް ކަމަށެވެ. އެއީ ތިން ވަނަ ކިޕަރުގެ ގޮތުގައި މަޑުކުރުން ނުވަތަ އެހެން ކުލަބަކަށް ދިއުން ކަމަށެވެ.

ނަމަވެސް މިއީ އުމުރުން 33 އަހަރުގެ ކީޕަރު ހިތްހަމަ ނުޖެހުނު ކަމެކެވެ. އޭނާ ބޭނުންވަނީ އެއްވަނަ ކީޕަރުގެ ގޮތުގައި ދެމިހުރުމަށެވެ. ޓާސްޓެގަން މެޑިކަލް ރިޕޯޓްތަކުގައި ސޮއި ކުރީ މިކަމާ ހިތްހަމަނުޖެހިގެން ބާސެލޯނާގެ އައު ކީޕަރާއި އެހެން ކުޅުންތެރިން ރަޖިސްޓަރ ކުރަން ދަތި ކުރުމުގެ ގޮތުންނެވެ. ކުލަބުން މަސައްކަތް ކުރީ ޓާސްޓެގަންގެ މެޑިކަލް ރިޕޯޓްތައް ހުށަހަޅައިގެން އޭނާގެ މުސާރައިގެ 80 ޕަސެންޓް ކުލަބުގެ މުސާރަ ޝީޓްނުގައި ނުހިމެނޭ ގޮތް ހެދުމަށެވެ. އޭރުން އަލަށް ގެނައި ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ އެވެ. ސަބަބަކީ ޓާސްޓެގަން އަކީ ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ވުމުންނެވެ. ނަމަވެސް އޭނާގެ ސޮއި ނެތި ސްޕެނިޝް ލީގުން ވަނީ ރިޕޯޓްތައް ބަލައި ނުގަތުމަށް ނިންމާފަ އެވެ.

ބާސެލޯނާ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހުރެ ކުޅުންތެރިން ރަޖިސްޓަރ ކުރުމުގައި ވަނީ ދަތިތަކެއް ދިމާވެފަ އެވެ. ޓާސްޓެގަން ބޭނުންވީ މި އުނދަގޫތަކުގެ ތެރޭގައި ބާސެލޯނާ އިތުރަށް ތާށި ކޮށްލުމަށެވެ. ނަމަވެސް ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ޓާސްޓެގަންގެ މުސާރައިގެ 80 ޕަސެންޓް މުސާރަ ޝީޓުން އުނިނުކޮށް ވެސް ބާސެލޯނާއިން ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ ގޮތް ހޯދާނެ ކަމަށެވެ.

ބާސެލޯނާއިން ޓާސްޓެގަންގެ ބަދަލުގައި އައު ކީޕަރަކު ހޯދީ އޭނާ އަށް ކުރީގެ ފޯމަށް އާދެވޭނެ ކަމަށް ނުދެކޭތީ އެވެ. އެއީ އުނގަނޑު އޮޕަރޭޝަން ކުރަން ޖެހިފައިވަނިކޮށް ފަޔަށް އަނިޔާވެ އަހަރެއްހާ ދުވަހު ނުކުޅެ ހުންނަން ޖެހުމުން ކުރީގެ ފޯމަށް އޭނާ އަށް ނާދެވޭނެ ކަމަށް ބަލައިފަ އެވެ.