މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން މިދިޔަމަހު ކްލިއަރކުރި ކޮންޓެއިނާރގެ އަދަދު އޭގެކުރީމަހާއި އަޅާބަލާއިރު 6 އިންސައްތަ އިތުރުކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު 6320 ކޮންޓެއިނަރ ވަނީ އެކުންފުނީގެ ބަނދަރުން ކްލިއަރކޮށްފައެެވެ. މީގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނޭކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މިދިޔަމަހު 6320 ކޮންޓެއިނަރ އެމްޕީއެލްއިން ކްލިއަރކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހު ކްލިއަރކުރި 5940 ކޮންޓެއިނަރއާ އަޅާބަލާއިރު 380 ކޮންޓެއިނަރ އިތުރު އަދަދެކެވެ.
ޖުލައިމަހު އެމް.ޕީ.އެލްގެ ބަނދަރުގެ ޚިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 16 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ. އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން ޖުލައ މަހު ކްލިއަރކުރެވިފައިވަނީ ބިހެވެ.
އެމްޕީއެލްއިން ދޭ ޚިދުމަތްތައް އަވަސްކުރުމަށްވެސް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން އަވަސްކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.