ޚަބަރު

ދިއްދޫގެ ބަހުގެ ޚިދުމަތް: ރައްޔިތުން ބަލައިގެންފައިވާ މުހިންމު ޚިދުމަތެއް


  • ބަހުގެ ޚިދުމަތާއެކު ރައްޔިތުން ތިބީ އުފަލުން

  • ބަހުގެ ހިދުމަތް ފުޅާ ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ

  • ޚިދުމަތުގައި ބޭނުން ކުރަނީ 2 ބަސް، އެއީ 32 މީހުންގެ ޖާގަ

ހއ. ދިއްދުއަކީ ރާއްޖޭގެ އެންމެ އުތުރުން އެންމެ އާބާދީ ބޮޑު އެއްރަށެވެ. ދިއްދޫގައި 5000ހާހެއްހާ މީހުން ދަނީ ދިރިއުޅެމުންނެވެ. ދިއްދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއް ރަށެވެ.

ސިއްޙީ ޚިދުމަތް ހޯދުމާއި، ވިޔަފާރިއާއި ސަރުކާރުގެ އޮފީސްތަކުން ހޯދާ ޚިދުމަތްތަކަށް އެތައް ބަޔަކު ދިއްދުއަށް ދަތުރުކުރެއެވެ. ދިއްދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމާއެކު، އެރަށް ވެފައިވަނީ އަތޮޅުގެ ހުރިހާ ރައްޔިތުން ބަރޯސާވާ އެންމެ މުހިންމު އެއްރަށައެވެ.

ދިއްދޫއަށް ޒިޔާރަތް ކުރާ ފަރާތަކުންވެސް ކުރާ އެއް ޝަކުވާއަކީ ޚިދުމަތް ހޯދުމަށް ދާންޖެހޭ ތަންތަން ދުރުގައި ހުރުމުން، އެއްތަނުން އަނެއްތަނަށް ދިޔުމުގައި ދިމަވާ އުނދަގޫތަކުގެ ޝަކުވާއެވެ. މިއީ ދިއްދޫއަށް ޒިޔާރަތް ކުރާ ފަރާއްތަކުގެ އިތުރުން ދިއްދޫގައި ދިރިއުޅޭ ރައްޔިތުންގެވެސް ކަންބޮޑުވުމެކެއެވެ. 2010 ވަނަ އަހަރު ދިއްދޫއިން 31 ހެކްޓަރު ބިން ހިއްކާ އެ ހިއްކި ސަރަހައްދުގައި ވަނީ ފްލެޓް އަޅާ އެ ސަރަހައްދުގައި މީހުން އުޅެން ފަށާފައެވެ. ހާއްސަކޮށް އެ ސަރަހައްދުން ސުކޫލު ފަދަ ތަންތަނަށް ދާ ކުދިން ގޮވާގެން ދިޔުމާއި ގެނެވުމުގައި ވެފައިވަނީ ބޮޑު ތަކުލީފަކަށެވެ.

ދިއްދޫ ރައްޔިތުންގެ މި ތަކުލީފަށް ނިމުމެއް ގެނެސް، އާއްމު ދަތުރުފަތުރުގެ ނިޒާމް އެރަށަށް ތަޢާރަފުކޮށް ރާއްޖެ ޓްރާސްޕޯޓް ލިންކް، އާރް.ޓީ.އެލް ބަހުގެ ޚިދުމަތް މިހާރު މިވަނީ ދިއްދޫގައި ފަށާފައެވެ. މި ޚިދުމަތާއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި އެރަށުގެ ރައްޔިތުން އުފުލި ތަކުލީފުތައް މިވަނީ މާޒީވެގޮސްފައެވެ.

ބަހުގެ ޚިދުމަތާ ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ މެމްބަރު އައިޝަތު ނަޒްމާ ވިދާޅުވީ މިއީ ދިއްދޫއަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. މި ހިދުމަތް ދިއްދޫގައި ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ދިއްދޫގެ ފުލެޓް ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން އެ ފަރާތްތަކުގެ ދަރިން ގޮވައިގެން އަވީގަޔާއި ވިއްސާރައިގައި ފައިމަގުގައި ކުރާ ދިގު ދަތުރު ނިމުމަކަށް ގެނައުން ކަމުގައި ނަޒްމާ ފާހަގަކުރެއްވިއެވެ.

"ދިއްދޫ ރައްޔިތުންގެ ވަރަށް ކުރިންވެސް ކުރަމުން ގެންދިޔަ އާދޭހެއް އެ ބޭފުޅުންގެ ދަރިން މި ސަރަހައްދުން ސުކޫލަށް ގެންދިޔުމުގައި އުފުލަން ޖެހުނު ބޮޑެތި ތަކުލީފު.. އެއީ ވިއްސާރަ މޫސުމުގައި އެ ބޭފުޅުންގެ ދަރިން ބައެއް ފަހަރު އެބަ ތިބޭ ސުކޫލަށް ނުގެންގޮސް ގޭގައި ބައިތިއްބާފައި.. އެއީ އެ ސަރަހައްދާއި މީހުންނާއި ދުރުވީމައި. އެހެން ނަމަވެސް މިހާރު އެބޭފުޅުން އެތިބީ ވަރަށް އުފަލުން" ނަޒްމާ ވިދާޅުވިއެވެ.

ނަޒްމާ ވިދާޅުވީ، ބަހުގެ ޚިދުމަތުގައި މި ވަގުތު 2 ބަސް ބޭނުން ކުރިނަމަވެސް ކުރިއަތް އޮތްތަނުގައި ބަހުގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން އިތުރު ބަސް ގެނެސް މިއަށް ވުރެއްވެސް ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

ދިއްދޫގައި ފެށިގެން ދިޔަ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން އެ ރައްތިޔުން ހިތްހަމަ ޖެހޭކަމަށާއި، މިއީ އެރަށް ވަރަށް ބޭނުންޖެހިފައިއޮތް މުހިންމު ޚިދުމަތެއްގެގޮތުގައި ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ދިއްދޫގެ ބައެއް ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

"ބަހުގެ ޚިދުމަތް ފެށުމާއި ގުޅިގެން ރައްޔިތުން މިތިބީ ވަރަށް ހިތްހަމަ ޖެހިފައި. މިކަން ވަރަށް ބޮޑަށް ބަލައިގެންފި. މި ކަމަކީ ދުރާލާ ތައްޔާރުވެގެން ކޮށްފައިވާ މަސައްކަތެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ފުރިހަމަ ޚިދުމަތެއް" ދިއްދޫ ރައްޔިތަކު ބުންޏެވެ.

ދިއްދޫގައި ބަހުގެ ޚިދުމަތުގައި ބޭނުންކުރަނީ 32 މީހުންގެ ޖާހައިގެ ބަސްތަކެކެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައިވެއެވެ. އަދި 10 މީހުންނަށް ކޮޅަށް ތިބެވޭނެގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ވަނީ ހަރުކޮށްފައެވެ.

އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ޓިކެޓުގެ އަގަކީ 5 ރުފިޔާއެވެ. ދިއްދޫގެ ބަހުގެ ދަތުރުތަކުގައި 3 އަހަރުން ދަށުގެ ކުޑަ ކުދިންނާއ،ި ސްކޫލް ދަރިވަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެވެ.