ޚަބަރު

ތުރާކުނު މިސްކިތާއި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި


  • ތުރާކުނުގައި އަލަށް ބިނާ ކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް

  • މި މަސައްކަތް ހަވާލުކޮށްފައިވަނީ 11.21 މިލިޔަން ރުފިޔާއަށް

  • ތުރާކުނުގެ މިހާރު ބިމުގެ ބޮޑުމިނަކީ 22 ހެކްޓަރ

  • އަލަށް 8.16 ހެކްޓަރު އިތުރު ކުރެވިގެންދާނެ

ހއ. ތުރާކުނުގެ މަސައްކަތް ހުއްޓިފައި އޮތް މިސްކިތާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ތުރާކުނަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށްވެސް މަޝްހޫރު ރަށެކެވެ. ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ތުރާކުނަށްވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. ތުރާކުނުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ ޖުލައި މަހުގެ 17 ވަނަދުވަހުއެވެ.

ހަމައެހެންމެ 2022 ވަނަ އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށް މަސައްކަތް ފެށިފަހުން ހުއްޓިިފައިއޮތް އެ ރަށު މިސްކިތުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާއި ސަރުކާރުން ވަނީ ޙަވާލުކުރައްވާފައެވެ. އެކުންފުނިން މިވަނީ މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް މިހާރު އެ ރަށުގައި ފަށާފައެވެ.

ތުރާކުނުގެ ބިން ހިއްކުމާއި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ ތަރައްޤީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކަމަށެވެ. އަދި އެ ވިސްނުމާއި އެއްގޮތަށް ތުރާކުނުގައި ހިންގާ މަޝްރޫއުތައްވެސް ނިންމައި ހަވާލު ކުރައްވާނެ ކަމަށެވެ.

އާޒިމް ވަނީ އަންނަ ރަމަޟާން މަހު އެރަށު އައު މިސްކިތުގައި ނަމާދުކުރަން ފެށޭނަކަމުގެ ޔަޤީންކަން ތުރާކުނުގެ ރައްޔިތުންނަށް ދެއްވާފައެވެ.

"އަޅުގަނޑު އަބަދުވެސް ބުނަން ބޭނުންވި އެމްޓީސީސީން ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް މަސައްކަތް ކުރަމުންނޭ އަންނަނީ. މިހާރު އަޅުގަނޑަށް ބުނެވޭނެ. އިރާދަކުރެއްވިއްޔާ މި ފަޚުރުވެރިކަމާއެކު މަސައްކަތްތައް ނިންމައި ތިބޭފުޅުންނަށް ތިބޭފުޅުންގެ މަސައްކަތްތައް ނިންމައި ހަވާލުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." އާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް ވިދާޅުވީ، ތުރާކުނުގައި ޒަމާނީ ފެންވަރެއްގެ މިސްކިތެއް އެޅުމަކީ މީގެ 15 އަހަރު ކުރިން ފެށިގެން ރައްޔިތުން ދެކެމުން އައި ހުވަފެނެއްކަމަށެއެވެ. ލަތީފް ވިދާޅުވީ 2022 ވަނަ އަހަރު މިސްކިތުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށްގޮސްފައިނުވާކަމަށެވެ.

"އަޅުގަނޑުމެއްނަށް މިސްކިތެއް ބޭނުންވަނީ މައިގަނޑު ގޮތުގައި ދެ ޖިންސުގެ މީހުއްނަށް އެއްފަހަރާއި ނަމާދު ކުރެވޭނެ ބޭނުމަށް އަދި ހަމަ އެހެންމެ މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކިތެއް ބޭނުންވާތީ މިސްކިތެއް ބޭނުންވާތީ." ލަތީފް ވިދާޅުވިއެވެ.

ތުރާކުނުގައި އަލަށް ބިނާ ކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކުއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.21 މިލިޔަން ރުފިޔާއަށް 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

ތުރާކުނުގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން ލަތީފް ވިދާޅުވީ ތުރާކުނުން އެންމެ ފަހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2015 އަހަރުކަމަށެވެ. އެރަށުގެ ބިން ފުރިފައި އޮތުމުން ގޯތި ދެވޭނެ އެއްވެސް ޖާގައެއް މިހާރު އެރަށުގައި ނެތްކަމަށް ލަތީފް ވިދާޅުވިއެވެ. އަލަށް ހިއްކައިގެން އިތުރު ކުރާބައިން ގެވަޅު ދީ ފަތުރުވެރިކަމުގެ ވިޔަފާރިއަށްވެސް ބިންދޫކުރުމުގެ ވިސްނުންގެންގުޅޭކަމަށް ލަތީފް ވިދާޅުވިއެވެ.

"ބިން ހިއްކުމާއި އެއްކޮން މީގައި ހަމަ އެކަނި މި ދަނީ ބިންކޮޅު ހަމަ އެކަނި ލިބުމެއް ނޫން. އޭގެ ތެރޭގައި ރައްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާއިރު ރައްގިރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލުތަކެއް ލިބިގެން ދާނެ. އެއީ ބިން ހިއްކާ ސަރަހައްދު ފަށައިގެން ބޮޑު ހިލަ ޖެހިފައި މީގެ އިތުރުންވެސް ކުރަން ހުރި ކަންކަން ސަރުކާރާއި އެމްޓިސީސި ގުޅިގެން ކުރިއައް ގެންދާނެކަމަށް ބެލެވޭ." ލަތީފް ވިދާޅުވިއެވެ.

ތުރާކުނު ކައުންސިލުން ވިދާޅުވީ، ތުރާކުނުގެ ރައްޔިތުންގެ އުންމީދަކީ ބިން ހިއްކައި މި މަސައްކަތް އަވަހަށް ނިންމާލުމެވެ. އަދި ރަށުގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދެވޭނީ ފަތުރުވެރިކަމަށް ބިންތަކެއް ކަނޑައަޅައި، އެބިންތަކުގައި ގެސްޓް ހައުސްތައް އިމާރާތް ކުރެވިގެންކަމަށް ކައުންސިލުން ދެކޭކަމަށެވެ.

ތުރާކުނުގެ މިހާރު ބިމުގެ ބޮޑުމިނަކީ 22 ހެކްޓަރެއެވެ. ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އަލަށް 8.16 ހެކްޓަރު އިތުރު ކުރެވިގެން ދާނެއެވެ. މީގެ އިތުރުން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 152.04 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.