ޚަބަރު

އަލިފުށީ މަގުހެދުމުގެ މަޝްރޫޢާއެކު ވެލިއަޅާ މަގު އެއްވަރުކުރުމަށް އުފުލި ބުރަ މާޒީއަށް


  • މަގުހެދުން އާރްޑީސީއާއި ޙަވާލުކުރީ 16 އޭޕްރީލް 2023 ގައި

  • ރަށުގެ ޖުމްލަ 7 މަގެއް ތާރުއަޅާ ތަރައްޤީކުރާނެ

  • ފެން ހިންދާ ނިޒާމު ޤާއިމުކުރާނެ

  • 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

މީހުން ދިރިއުޅޭ ގިނަ ރަށްތަކުގެ މަގުތަކަކީ ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ރަށްތަކެއްނޫނެވެ. މަގުތަށް ރަނގަޅު ފެންވަރަށް ހެދިފައި ނެތުމުގެ ސަބަބުން ވާރޭވެހޭ ދުވަސްވަރުގައި ފަސޭހައިން ފެންބޮޑުވެ، އެ ފެންތަން ނުހިނދި ގިނައިރު އޮންނަ މަންޒަރުވެސް ފެނެއެވެ. މިގޮތަށް މަގު ނުހަދާ އޮތް އެއްރަށަކީ ރ. އަލިފުއްޓެވެ.

3000 އާ ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅެމުން އަންނަ އަލިފުށީގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ މީހުންނަށާއި ހިނގަބިނގާވެ އުޅޭ މީހުންނަށްވެސް އެތަކެއް ގެއްލުންތަކެއް ކުރިމަތިވެއެވެ. މިފަދަ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން އެހެން ހުންނަ މަގުތަކަށް ވެލިއަޅާ މަގުތައް އެއްވަރުކުރުމުގެ މަސައްކަތްތައް މިރަށުގައިވެސް ކޮށްފައި އެބަހުއްޓެވެ.

އެހެންނަމަވެސް މިހެން ވެލި އަޅާފައި އޮތުމުގެ ސަބަބުން ފަސް މަޑުވުމުގެ ސަބަބުން އެ މަގުތަކުން ވެހިކަލްތައް ދުއްވުމަކީ ބޮޑު ތަކުލީފެކެވެ. ރަށްރަށުގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މި ރަށުގެ މަގުތައް ތަރައްޤީކުރުމަށް މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އާރް.ޑީ.ސީއަށް ވަނީ ހަވާލުކޮށްފައެވެ.

އެކުންފުނިން ހާމަކުރާ ގޮތުގައި މިހާރު އެ މަސައްކަތް ފެށުމަށްޓަކައި ސައިޓް ސާފުކޮށް އިއިއޭ ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާނެކަމަށް އާރް.ޑީ.ސީއިން ބުނެއެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް ޢިމްރާން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެއަރޕޯޓަށް ދާން އޮންނަ މަގާއެކު ޖުމްލަ 7 މަގެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށުގެ އެންމެ ބޮޑެތި މަގުތަކާއި، ސްކޫލް މަގާއި ސަރުކާރުގެ އެކި އިދާރާތައް ހުންނަ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ޢިމްރާން ވިދާޅުވިއެވެ.

"މަގުތަަކަކީ ތަނަވަސް މަގުތަކެއް. ނަމަވެސް އަޑިގުޑަން ވަރަށް ގިނަ. މިއާއެކު ސްކޫލް ދަރިވަރުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ވަރަށްބޮޑަށް އުނދަގޫވޭ. ފުރަތަމަ މަރުހަލާގައި 7 މަގެއް ހެދޭނެ. އޭގެ ތެރޭގައި އެންމެ ބޮޑެތި މަގުތައް ހިމަނާފަ އެހުރީ. ސަރުކާރުގެ އިދާރާތައް ހިމެނޭ މައި މަގުތަކާއި ސްކޫލް ހިމެނޭ މަގުތަށް." ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވިއެވެ.

އަލިފުށީގެ މަގުތަކަކީ ނިސްބަތުން ޖާގަ ތަނަވަސް ބޮޑެތި މަގުތަކެކެވެ. އެހެންނަމަވެސް އެރަށު ގިނަ މަގުތައް އެއްވަރުނުވުމާއި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުރިކަން ފާހަގަކުރެވެއެވެ. އަދި ބައެއް މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދޮންވެލި ލާފައި އޮތް މަންޒަރުވެސް ފެނެއެވެ. ނަމަވެސް މިއީ ވަގުތީ ހައްލެއްކަމުން ރަށުގެ ރައްޔިތުން އެދެމުންދިޔައީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށެވެ.

"މަގުތައް ހަދަން ނިންމުމުން އަޅުގަނޑުމެން ވަރަށް އުފާކުރަން. އެއީ ވަރޭ ވެހުނަސް މަގުތައް މި އޮންނަނީ ފެންބޮޑުވެފަ. ފެންގަނޑު ބޮޑުވެގެންގޮސް ގެތަކަށްވެސް އެބަ ވަދޭ. އެހެންވީމާ މަގުތައް ހެދުމުން މި މަައްސަލައަށްވެސް ހައްލެއް ލިބިގެންދާނެކަމަށް މި އުއްމީދު ކުރަނީ." އަލިފުށީ ރައްޔިތަކު ބުންޏެވެ.

90 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 8.3 ކިލޯމީޓަރުގެ މަގު ތާރުއަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް، މަގުތަކުގައި މަގުބައްތި ޖަހާނެއެވެ.

މިއާއެކު ރަށުގެ ރައްޔިތުންނަށް އެއްގަމު އުޅަނޑުތައް ދުއްވުމަށް ފަސޭހަވެ ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ފަސޭހަތަކެއް ވާނެއެވެ. އަދި މަގުތައް އެއްވަރުކޮށް ވެލިއެޅުމަށް ރައްޔިތުންނާއި ކައުންސިލުން ކުރާ މަސައްކަތްތާއި އުފުލި ތަކުލީފުތަކަށް ހައްލެއް ލިބިގެންދާނެއެވެ.