ޚަބަރު

މިލަންދޫ މަގު ހެދުން: ރައްޔިތުންގެ ޒަމާންވީ ތަކުލީފުތަކަށް ނިމުމެއް


  • ހުރަވީ މަގާއި ޣާޒީ މަގުގައި ޕޭވިންގެ މަސައްކަތް ދަނީ ކުރަމުން

  • ކަލާފާނު ހިނގުމުގައި ކީވޯލްގެ މަސައްކަތް ދަނީ ކުރަމުން

  • ރޯޝަނީ މަގާއި ޣާޒީ މަގުގައި ސްޓޯރމް ވޯޓާރގެ މަސައްކަތް ދަނީ ކުރިއަށް

  • ރަށު 8 މަގެއް ހިމެނޭހެން 6.15 ކިލޯމީޓަރ ތަރައްޤީކުރާނެ

  • ޖުމްލަ 156.4 މިލިއަން ރުފިޔާ ޚަރަދުވޭ

ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްގެން މަގުހެދުމުގެ އެތައް މަޝްރޫޢެއް މިވަގުތުވެސް އަތޮޅުތަކުގައި ކުރިއަށް އެބަދެއެވެ.

2500 އެއްހާ މީހުން ދިރިއުޅޭ ށ. މިލަންދޫއަކީ މީގެތެރެއިން އެއް ރަށެވެ. ފާއިތުވި އަހަރުތަކުގައި އިޤްތިޞާދީގޮތުން ރަށަށް ކުރިއެރުންތަކެއް ލިބިގެންދިޔަނަމަވެސް، ވަރަށް ފަހަކާޖެހެންދެންވެސް ޢުމްރާނީގޮތުން ރަށް އޮތީ ފަހަތުގައިކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. މިލަންދޫ ދިމާވެފައިވާ ޢުމްރާނީ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ރަށުގެ ރައްޔިތުން އަބަދުވެސް ފާހަގަކުރަމުންދަނީ، ރަށުގެ މަގުތަކުގެ ޙާލަތު ދަށްވުމެވެ.

ރައްޔިތުން މި ކަންބޮޑުވުމަށް ޙައްލެއް ހޯދައިދިނުމަށް މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކުރެއްވީ 2021 ވަނަ އަހަރުގެ މާރިޗުމަހުގެ 12 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މިލަންދޫ ކައުންސިލުގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަގުތަކުގައި ފެން ބޮޑުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމަށެވެ. އަދި މިލަންދޫއަކީ އެކި ބޭނުންތަކަށް ގިނަ ޢަދަދެއްގެ ބަޔަކު އަރާފައިބާ ރަށަކަށްވުމުން އެ ފަރާތްތަކުގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މަގުތަކުގައި އަޑިގުޑަން، ހުރުމާއި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިލަންދޫ މަގުތަކަކީ ވިއްސާރަވެއްޖެއްޔާ ވަރަށް ބޮޑަށް ފެންބޮޑުވާ މަގުތަކެއް. މަގުތަކުގައި ވަޅު ހެދިފައިވުމުގެ ސަބަބުން ދުއްވާ އެއްޗިސްއަށްވެސް ވަރަށް އުނދަގޫވޭ. މަގުތައް މިނޫންގޮތެއް ހެދުމަކީ ރައްޔިތުން އަބަދުވެސް ދެކެމުން އައި ހުވަފެނެއް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރަށުގެ މަގުތައް ތަރައްޤީކުރަން ފެށުމަކީ ރަށުގެ ކުރިއެރުމާއި އިޤްތިޞާދަށް ކުރެވޭ މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަމަށެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިޔުމާއެކު މަގުތަކުގައި ފެންބޮޑުވުމާއި ހެދިފައިވާ އަޑިގުޑަންތަކުގެ މައްސަލަ ހައްލުވެ ރައްޔިތުއްނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މަޝްރޫޢެއްކަމަށާއި، މަޝްރޫޢު ނިމި، މަގުތައް ބޭނުންކުރެވޭނެ ދުވަހަކަށް ރައްޔިތުން ކެތްމަދުވެފައި ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށު 8 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ ރަށުގެ ހުރަވީ މަގާއި، ޣާޒީ މަގުގައި ޕޭވިންގގެ މަސައްކަތްކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އާރް.ޑީ.ސީން ބުނެއެވެ. އަދި އެރަށު ކަލާފާނު ހިނގުމުގައި ކީވޯލްގެ މަސައްކަތާއި، ރޯޝަނީ މަގާއި ޣާޒީ މަގުގައި ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން 156.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިލަންދޫގައި ޖުމްލަ 6.15 ކިލޯ މީޓަރުގެ މަގު ތަރައްޤީކުރެވިގެންދާނެއެވެ. މި މަސައްކަތް ކުރުމަށް އާރް.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 520 ދުވަހުގެ ތެރޭގައި މުޅިން ނިންމާގޮތަށެވެ.