ޚަބަރު

ހިމެންދޫ: ބަނދަރަކަށް ފަހު ރަށަށް ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމު


ފެނާއި ނަރުދަމާގެ ޚާއްސަ ޤާނޫނު އެކުލަވާލާ، މިއަދު މިއީ ކޮންމެ ރަށްޔިތަކަށްމެ ލިބެންޖެހޭ އަސާސީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. ކުޑަ ރަށެއް ބޮޑު ރަށެއް، އާބާދީއަށް ބެލުމެއްނެތި، މި ޚިދުމަތް ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެވެ. އަދި މި މަސައްކަތް އެކި މަރުޚަލާތަކުގައި ކުރެވެމުން ނުދާ ރަށެއް މިހާރު މަދެވެ.

ރާއްޖޭގެ އަތޮޅުތަކަށް ބަލާއިރު، ނިސްބަތުން އެންމެ އާބާދީ ކުޑަ އެއް އަތޮޅަކީ އއ އަތޮޅެވެ. ތިރީހަށްވުރެ ގިނަ ރަށް އޮތްނަމަވެސް، މީހުން ދިރިއުޅޭ އޮތީ 8 ރަށެވެ. 7000 އާއި ގާތްކުރާ އާބާދީއެއް އޮތް އެ އަތޮޅުގެ ހިމެންދޫއަކީ ގާތްގަނޑަކަށް 800 މީހުން ދިރިއުޅޭ ރަށެކެވެ.

އާބާދީ ކުޑަނަމަވެސް، ސަރުކާރުގެ ވަޢުދާ އެއްގޮތަށް، އުމްރާނީ ތަރައްޤީގެ އެތަށް މަޝްރޫޢުއެއް އެރަށުގައި އެކުއެކީގައި އެއްފަހަރާ އެބަ ކުރިއަށްދެއެވެ. ބަނދަރެއް ނެތް އެރަށުގައި، ބޮޑު ބަނދަރެއް ހަދައިދީ ދަނީ ބޭނުންކުރަމުންނެވެ. ރަށުގެ ރައްޔިތުން ދެން އެންމެ ބޭނުންވެފައި ތިބި އަނެއް މަސައްކަތަކީ ރައްކާތެެރި ފެނާއި ނަރުދަމާގެ ރަނގަޅު ނިޒާމެއް އެރަށުގައި ޤާއިމުކުރުމެވެ.

މި މަސައްކަތް އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށް ފެށީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. މަސައްކަތްތަކުގައި ކޮންމެވެސްވަރެއްގެ ލަސްތަކެއް އުޅުނު ނަމަވެސް، މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރަމުންދަނީ ގޭގެއަށް ކަނެކްޝަން ގުޅުމުގެ މަސައްސަތެވެ. ފެން ރައްކާކުރާ ތާންގިތައް ބަހައްޓާ ނިމި، މިހާރު ކުރިއަށްދަނީ ފެން ސާފުކުރާ އާރް.އޯ ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތެވެ. މި މައްސަކަތް ގާތްގަނޑަކަށް 4 މަސްތެރޭގައި ނިންމާ ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވިދާޅުވީ، ރަށުގެ ބައެއް ހިސާބުގައި އެހިސާބުގެ ރައްޔިތުން އަމިއްލައަށް ނަރުދަމާއެއް އަޅައިގެން ބޭނުންކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ބަދިގެ ސިންކާއި، ފެންވެރުމަށް ބޭނުންވާ ފެން ދޫކުރެވޭ ނިޒާމުތަކެއް ނޫންކަމަށެވެ. އެހެންކަމުން ކޮންމެ ގެއެއްގައިވެސް ގޯތިތެރޭގައިވެސް އިތުރު ޖަންގްޝަންތައް ބަހައްޓަންޖެހޭތީ، މައްސަލައަށް ޙައްލު ނާންނަކަމަށެވެ.

އެއް ގެއެއްގެ ތެރޭގައި ގިނަ އާއިލާތައް އުޅެންޖެހުމާއިއެކު، ގޭގޭގައި ގިނަ ޖަންގްޝަންތައް ހަދާ ބޭނުންކުރުމަށްވެސް ދަތިވާކަންވެސް ހުޝާމް ފާހަގަކުރެއްވިއެވެ.

"މިގޮތަށް ހުރުމުން ވަރަށް ބޮޑަށް މައްސަލަ ދިމާވޭ. އެކި ހިސާބުތައް އަބަދު ކޮންނަންޖެހުމާ، ހޮޅިތައް ނަގައި ބޮޑެތި ދަތިތަކާ ކުރިމަތިވޭ. އެހެންދިމާވީމަ ބައެއް ގޭގެގައި ފާޚާނާ ބޭނުންނުކުރެވޭ ޙާލަތްތައްވެސް އާދޭ" ހުޝާމް ވިދާޅުވިއެވެ.

ހިމަންދުއަކީ މިހާރު ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ކުރާ ރަށެކެވެ. މި ޚިދުމަތް ދިނުމުގައިވެސް، ރަށުގައި ރައްކާތެރި ފެނާއި، ނަރުދަމާގެ ނިޒާމު މުހިންމެވެ. ރަށުގެ ރައްޔިތުން ފާހަގަކުރާގޮތުގައި ބިމުން ނަގާ ފެނުގެ ވަހާ ކުލައިގެ ސަބަބުން ބައެއް ގޭގޭގައި ފެން ބޭނުންކުރަންވެސް ވަނީ ދަތިވެފައެވެ. މިއާއެކު ވާރޭފެނާއިި، ފުޅީގައި ބަނދުކޮށްފައި ހުންނަ ފެނަށް ވަރަށް ބޮޑަށް ބަރޯސާވަންޖެހެއެވެ.

"ވަޅުފެން ބޭނުންކޮށްފަ، އަދި ވާރޭފެން ނޫނީ ފުޅިފެނުން ސާފުވާންޖެހޭ. އެހާ ވަސްދުވާ ނަޖިސް ފެންވެސް އެބަހުރި. އާއްމު ސިއްޙަތަށް ބެލިއަސް ރައްކާތެރި ނޫން. އަދި ލޯކަލް ޓުއަރިޒަމްގެ ޚިދުމަތްދޭއިރުވެސް މިއީ، ޙައްލުވާންޖެހޭ މައްސަލައެއް" ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

ހިމަންދޫގައި މިވަގުތު މިހާރުވެސް 3 ގެސްޓްހައުސް ހިންގަމުން އާދެއެވެ. އަދި އިތުރު ވިޔަފާރިތައްވެސް މިއާއެކު އަންނަނީ ފުޅާވަމުންނެވެ. އެހެންކަމުން މި މަޝްރޫޢުވެފައިވަނީ ރަށުގެ އިޤްތިޞާދާވެސް ގުޅުންހުރި މަޝްރޫޢުއަކަށެވެ.

ފެނުގެ ނިޒާމުގައި ރަށުގައި 6.35 ކިލޯމީޓަރުގެ ނެޓްވޯކެއްގެ މަސައްކަތް ކުރިއަށްދެއެވެ. އަދި ނަރުދަމާ ނިޒާމުގެ 5.31 ކިލޯމީޓަރުގެ ނެޓްވޯކެއް ރަށުގައި އަޅައެވެ. ރަށުގެ 3 ސަރަޙައްދުގައި ޕަމްޕް ސްޓޭޝަން ވަނީ ބަހައްޓާފައެވެ.

މި މަޝްރޫޢުގައި ފެނުގެ ޚިދުމަތް ދިނުމަށް 2 އާރްއޯ ޕްލާންޓް ބަހައްޓާނެއެވެ. ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށް 2 ތާންގި ވަނީ ބަހައްޓާފައެވެ.

ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަށް ސަރުކާރުން 65 މިލިއަން ރުފިޔާ ހޭދަކުރެއެވެ. މި މަސައްކަތްތައް ނިންމާ މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން އެ ރަށުގައި ބޯފެން ރައްކާ ކުރާ ނިޒާމުވަނީ ޤާއިމުކޮށްފައެވެ. އެގޮތުން 2 ތާންގި ބަހައްޓާ، ރަށުގެ އެކި ސަރަޙައްދުތަކަށް ކަނެކްޝަން ވަނީ ގުޅާފައެވެ.