ޚަބަރު

ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތަކަށް ތުޅާދޫ ރައްޔިތުން ކުރާ އުއްމީދު ހަޤީޤަތަކަށް


ބ. ތުޅާދޫގައި އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލުގެ ޢަމަލީ ފެށުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން ދާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

މި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ.

ޞިއްހީ ނިޒާމް ފުޅާކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 15 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށްވަނީ ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން ބ. ތުޅާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހެލްތު މިނިސްޓްރީން އެމްޓީސީސީއާއި ޙަވާލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ތުޅާދޫގައި މިވަގުތު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. ޞިއްޙީ މަރުކަޒުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިއްޙީ މަރުކަޒު ސީނިއަރ އެޑްމިނިސްޓްރޭޓަރ އަޙްމަދު ރަޝީދު ވިދާޅުވީ ޞިއްޙީ މަރުކަޒުގައި މިހާރު ދެމުންދަނީ ވަރަށް މަދު ޚިދުމަތްތަކެއް ކަމަށާއި، ޞިއްޙީ މަރުކަޒުގައި މިހާރު ޚިދުމަތް ދެމުންދަނީ މެޑިކަލް އޮފިސަރުން އެކަނިކަމަށެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބެންވާ ޞިއްޙީ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ނުލިބޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރަޝީދު ވިދާޅުވީ، ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ނުވަތަ މާބަނޑު މީހަކު ވިހަން ޖެހުނުކަމުގައިވިޔަސް، ދާން ޖެހެނީ ރަށުން ބޭރަށްކަމަށާއި އެކަމަށް ބޮޑެތި ހޭދަތަކެއްވެސް ކުރަންޖެހޭކަމަށެވެ. އެހެންކަމުން އައު ހޮސްޕިޓަލާއެކު މި ހުރިހާ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށް ރަޝީދު ވިދާޅުވިއެވެ.

މިއީ ރަށުގައި ތިބެގެން އެކަށީގެންވާ ރަނގަޅު ޞިއްޙީ ފަރުވާ ލިބި، ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ބޭސް ފަރުވާއަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް ގެނުވާނެ އުއްމިދީ މަޝްރޫޢެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހޮސްޕިޓަލާއެކު މިހާރު ދިމާވާ ހުރިހާ ހުރަސްތަކެއްދާނެ. އުމްރާނީ ގޮތުން ކުރިއެރުން ލިބި ވަޒީފާގެ ފުރުޞަތުވެސް އިތުރުވެގެންދާނެ. މިހާރަށް ވުރެއް ގިނަ ޚިދުމަތްތައް އިތުރުވެގެންދާނެ " އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ސަރވިސް ބްލޮކްއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން 2 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 114.50 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ބ .އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ދައްކާކަމަށް އެމަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ތުޅާދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދެމުން އަންނަ މަރުކަޒެކެވެ. ޞިއްޙީ މަރުކަޒުގެ ލެބޯޓްރީން، ޢާއްމު ގޮތެއްގައި ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޢާއްމު ނޫން، އަދި ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކުގެ ސާމްޕަލްތައް ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލެއަށް ފޮނުވައިގެންވެސް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ބ. އަތޮޅު ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ތުޅާދޫގައި ތަރައްޤީކުރާ އައު ހޮސްޕިޓަލާއެކު އެރަށުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް، އަތޮޅުގެ އެހެން ރަށްރަށަށާއި މާލެއަށް ކުރަމުންއައި ދަތުރުތައް ނިމުމަކަށް އަންނާނެއެވެ. އެހެންކަމުން އައު ހޮސްޕިޓަލަކީ ތުޅާދޫގެ ރައްޔިތުންގެ އުއްމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ.