ޚަބަރު

ވިލުންވެރިކަން އިތުރުކޮށް ވެށި ޚިމާޔަތް ކުރެވޭނީ ކުދިބޮޑު އެންމެން މަސައްކަތްކޮށްގެން: ޝައުނާ


ރާއްޖޭގެ ރަށްރަށުގެ ވިލުންވެރިކަން އިތުރުކޮށް ތިމާއުޅޭ ވެށި ޚިމާޔަތް ކުރުމަށް އެރަށެއްގައި ދިރިއުޅޭ ކުދިބޮޑު އެންމެން އެއް ރޫޙެއްގައި މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޝައުނާ މިކަމަށް ގޮވާލެއްވީ ތިމާވެށީގެ ކަންކަމަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ނ. ކުޑަފަރީގައި ކުރިއަށްގެންދާ "ލިޓިލް ބިގް ފެސްޓިވަލް" ފެށުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ކުޑަފަރިއަކީ އާބާދީގެ ގޮތުން މަދުބަޔަކު ދިރިއުޅޭ ރަށެއް ނަމަވެސް ތިމާވެށި ޚިމާޔަތް ކުރުމަށް މިރަށުގައި ކުރަމުންދާ މަސައްކަތަކީ ބޮޑެތި އާބާދީތަކުން މިސާލު ނަގަންޖެހޭ މަސައްކަތެއްކަމަށެވެ. ކުޑަފަރީއަކީ ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލާ، ތިމާވެއްޓަށް އަހުލުވެރި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. މިކަމަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީމ ތިމާވެށީގެ ގޮތުން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަމަށާއި، އެކަމަށް އެދެވޭ ހައްލެއް ހޯދޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަމާއެކުކަމަށެވެ.

"ދިވެހިން ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން މި މާހައުލީ ނިޒާމަށް އެކިގޮތްގޮތުން މިދަނީ އިޔާދަ ނުކުރެވޭ މިންވަރަށް ބަދަލުވަމުން، އެގޮތުން ބަލާނަމަ ރާއްޖެއަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ އެކަމަށް ކުޑަފަރި ން ދަނީ މިސާލުދައްކަމުން، މިރަށްރަށުގެ ވިލުންވެރިކަން އިތުރު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ މައްޗައް އަލިއަޅުއްވާލައްވާ ވާހަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ކަންކަމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ފަހުން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރު ނުކުރާ އެންމެ ރަށެއްވެސް ރާޖޭގައި ނެތްކަމަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އަހަރަކު ތިނެއް ނުވަތަ ހަތަރު މިލިމީޓަރަށް އުފުލޭކަމަށާ، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑުއެއް ގޮންޖެހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނ. ކުޑަފަރީގައި އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ފެސްޓިވަލުގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ އެކަންކަން ދިމާވާން މެދުވެރިވާ ސަބަބުތަކާ ގުޅޭ މަޢުލޫމާތާއި، ކަނޑުގެ ދިރުމުގެ މުހިންމުކަމާއި އެ ދިރުންތަކަށް ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވަމުންދާ ނުރަގަޅު އަސަރުތަކާ ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ.

މި ހަރަކާތުގައި ތިމާވެށި ޚިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ރިސޯޓްތަކާއި، ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވެއެވެ. ކުޑަފަރީގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލާ މަރުކަޒު ދައްކާލާ އެތަނުން ކުރާ މަސައްކަތަކާއި، މޫދު ކުޅިވަރުތައްވެސް މި ހަރަކާތުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި މިނިސްޓަރ ޝައުނާގެ އިތުރުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.