ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފަށައިފިއެވެ. މިއީ މިޚިދުމަތް ފެށި 11ވަނަ އަތޮޅެވެ.
ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަހުގެ ތެރޭގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފަށާފައިވާއިރު މި ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އެއަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީއެވެ. ޚިދުމަތަށް ބޭނުންކުރާ 2 ލޯންޗް އެ އަތޮޅަށް ވަނީ ފޮނުވާފައެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށެވެ.
އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށްގެންދާނީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައެވެ. މި ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ، ކޮންމެ ރޫޓެއްގައި ހިމެނޭ ހުރިހާ ރަށަކަށް ވަކި އަދަދަކަށް ޖާގަ ކަނޑައަޅައިގެންނެވެ. ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. އެ އަތޮޅުގެ އާބާދީ 12000އިން މައްޗަށް އަރައެވެ.
އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.
އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ރ.އަތޮޅުގެ ރަށްރަށަށެވެ. މި ޚިދުމަތަކީ އަތްފޯރާ އަގެއްގައި ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިއަހަރުގެ ފެބްރުއަރީމަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ މިއަހަރުތެރޭ ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
"މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ދޭން ފަށާނެ. މިގޮތުން ދެން އެންމެ އެންމެ ފުރަތަމަ އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނީ ރ. އަތޮޅުގައި. އެއީ މިއަހަރުގެ ޖޫންމަހު. ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުން ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައޮ ފެށިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއަހަރު ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ރ އަދި ބ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފަށާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ޚިދުމަތް ފަށަނެކަމަށެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ސަރުކާރުގެ ޢަމާޒާ އެއްގޮތަށް ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެކަމަށެވެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.