ޚަބަރު

ޖޮއާއޯ ފީލިކްސް އަލް ނަސްރަށް ވިއްކާލަނީ


ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް މިހާރު ކުޅެމުންދާ ޗެލްސީގެ ފޯވަޑް ޖޮއާއޯ ފީލިކްސް ސައުދި އަރަބިއްޔާގެ އަލް ނަސްރަށް ވިއްކާލަން އެ ކްލަބުން ނިންމައިފި އެވެ.

އުމުރުން 25 އަހަރުގެ ޕޯޗުގަލް ފޯވަޑް 43.7 މިލިއަން ޕައުންޑަށް ވިއްކާލަން ޗެލްސީ އިން ވަނީ އެއްބަސްވެ އެ ކްލަބުގެ މެޑިކަލް ހެދުމަށް ރިޔާދަށް ދިއުމުގެ ހުއްދަ ފީލިކްސް އަށް ދީފަ އެވެ.

މިދިޔަ ހޫނު މޫސުމުގައި ޗެލްސީ އިން 45 މިލިއަން ޕައުންޑަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން ފީލިކްސް ގަނެފައިވާއިރު މިދިޔަ ސީޒަނުގެ ފަހުކޮޅު ހަ މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން 5 މިލިއަން ޕައުންޑަށް ޗެލްސީ އިން ވަނީ އޭނާ އޭސީ މިލާނަށް ދޫކޮށްފަ އެވެ.

ފީލިކްސްގެ ޓްރާންސްފަރ އިން ޗެލްސީ އަށް ފައިދާ ވެފައިވާއިރު ޔޫއެފާ އިން ވަނީ އެ ޓީމުގެ މާލީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އެ ކްލަބަށް އިންޒާރުދީފަ އެވެ. އަދި ޔޫއެފާ އިން ވަނީ 27 މިލިއަން ޕައުންޑުން ޗެލްސީ ޖުރިމަނާކޮށް މާލީ ކަންތައްތައް ރަގަޅު ނުކޮށްފިނަމަ ކުރިއަށް އޮތް ޗެމްޕިއަންސް ލީގަށް އެ ކްލަބަށް އައު ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭނެކަމުގެ އިންޒާރުވެސް ދީފަ އެވެ.

ޗެލްސީ އިން ވަނީ ފީލިކްސްގެ އިތުރުން އެހެން ބައެއް ކުޅުންތެރިން ވިއްކާލައިގެން 130 މިލިއަން ޕައުންޑު ހޯދާފަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދާފައިވާ ޗެލްސީ އިން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ކްލަބު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ލިއާމް ޑެލަމް އާއި ޖެމީ ގިޓެންސްގެ އިތުރުން ޖޮއާއޯ ޕެޑްރޯގެ ސޮއި ހޯދާފަ އެވެ. އަދި މި ކުޅުންތެރިން ހޯދުމަށް ޗެލްސީ އިން ވަނީ 212 މިލިއަން ޕައުންޑު ހޭދަކޮށްފަ އެވެ.