ޚަބަރު

ތަރައްޤީގެ މަޝްރޫޢުތައް ނިމޭއިރު ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް އައްޑޫން ފެންނާނެ: ރައީސް


އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޢުމްރާނީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާއިރު އައްޑޫގައި ފަތުވެރިކަމުގެ މުޅިން އައު ބާބެއް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫގައި ކުރިޔަށްދާ މަޝްރޫޢުތައް ނިމޭއިރު އައްޑޫއިން ފަތުރުވެރިކަމަށް 7000 އެނދު އޮޕަރޭޝަނަށް ނެރެވޭނެކަމަށެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އައްޑޫގައި ބިން ހިއްކުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ބޮޑު ޕްލޭނަކާއި އެކުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބިންހިއްކުމާއި ޑިޒައިންތައް ޕްލޭންކުރެވި މަސައްކަތް ކުރަމުން އަންނަނީ، ހަންކެޑެ މަސައްކަތް ނިންމޭއިރު އެސަރަޙައްދާއި ގުޅޭނެ ފަދަ ގޮތަކަށްކަމަށެވެ.

ހަމައެއާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް އައްޑޫގައި އެސްޑީއެސްފީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް ޢިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިހާރު ހިނގަމުންދާ މަގުހެދުމާ ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިންވެގެން ކުރިއަށް އެދަނީ، ހަންކެޑެ ނިމޭއިރު އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާ އެއްގޮތަށް. ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 ޓޫރިސްޓު އެނދު އިތުރުވާނެ. މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫޢުތަށް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓު އެނދު އައްޑޫ ސިޓީގައި އޮޕަރޭޓްވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިއްމު ހިއްސާއެއް އޮތް ޝަންގްރިއްލާ ހިންގުމަށް އޮތް ކޮންމެ ހުރަހެއް ނައްތާލުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. އަދި އެތަނުގައި އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ އެގޮތުގައި ދެމެހެއްޓުމަކީ އައްޑޫގެ ފަތުރުވެރިކަމަށް އޮތް ހުރަހަކަށް ނުހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް އަދި އިންޓަރގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން އައްޑޫ ސިޓީގެ ގޭގެ ދޮރާއި ހިސާބަށް ވާޞިލުވާނެ ސަބަބެއްކަމަށެވެ. އަދި ހަންކެޑެއަކީ ރައްޔިތުންގެ ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަޙައްދުކަމަށް ރައީސް ވިދާޅުވިއެވެ.

"ޓޫރިޒަމްގެ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭ. އެކި ފަންތީގެ ފަތުރުވެރި ވަޞީލަތްތަކަށް ފަހިވާގޮތަށް، ހަންކެޑެ ފަރުމާކޮށް ތަރައްޤީކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން.އެއީ އިންޓަރގްރޭޓެޑް ރިސޯޓް، ސިޓީ ހޮޓާ، ގެސްޓް ހައުސް އަދި ވޯޓަރ ވިލާ އެކުލެވޭނެ ވަށާޖެހޭ ޕްރޮޖެކްޓެއް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ހެދުމަކީ މީގެކުރިން ތަކުރާރުކޮށް އިވުނު އަޑެއްކަމަށެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް މިކުރަނީ އެކަން ޙަގީގަތަކަށް ހެދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމަކީ އެސިޓީ ޙަގީގީ މާނައިގައި ތަރައްޤީކުރުމަށް ކޮންމެހެން ބޭނުންކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.