ކުޅިވަރު

އަހަރެން އެއްބަސްވުން އައުކުރާނަން: ޑި ޔޮން


ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އައުކުރާނެ ކަމަށް ނެދަލަންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ބުނެފިއެވެ.

އޭނާގެ މިހާރުގެ ކޮންޓްރެކްޓް ކުރިއަށް އޮތް ސީޒަނާއެކު ހަމަވާނެ އެވެ. މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޑިޔޮންގެ ބުނީ ބާސެލޯނާއިން އޭނާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރެން ކޮންޓްރެކްޓް އާ ކުރާނަން. އަހަރުމެން ވާނީ އެކަމަށް އެއްބަސްވެފައި. އެކަމަކު އަދި އަހަރެން ކޮންޓްރެކްޓް އާ ނުކުރަން. އެކަން ކުރިނަމަ ޔަގީނުން ވެސް މީޑިއާތަކަށް އެނގޭނެ،" ޑިޔޮންގެ ބުންޏެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ބުނީ މީގެ ފަސް އަހަރު ކުރިން އޭނާ ބާސެލޯނާ އަށް އައި ދުވަސްވަރު ކުލަބުން އޭނާއާ މެދު އުއްމީދު ކުރި ފަދައިން މިހާރު ވެސް އުއްމީދު ކުރާ ކަމަށެވެ.

"އަހަރެން މި ހުރީ ބާސެލޯނާއާ މެދު ހިތްހަމަ ޖެހިގެން. އަހަރެން މަޑު ކުރަން ބޭނުން. ކުލަބުން ވެސް އަހަރެން ބަހައްޓަން ބޭނުން. އެހެންވީމާ މިކަމުގައި އެއްވެސް މައްސަލައެއްނެތް. ޑިޔޮންގެ ބުންޏެވެ.

ބާސެލޯނާގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ޑިޔޮންގަކީ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ މި ވަގުތު ކޮންޓްރެކްޓް އާ ކުރުމަށް އެ ކުލަބުން އެންމެ އިސްކަންދޭ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ބާސެލޯނާއިން ވަނީ ޕެޑްރީ އާއި ގަވީ އަދި ލަމީން ޔަމާލް އާއި ރަފިނިއާ އާއި ޑިފެންޑަރު ކޫންޑޭގެ ކޮންޓްރެންޓް ވެސް އާ ކޮށްފަ އެވެ.

ބާސެލޯނާއިން ނިންމާފައިވަނީ ކޮންޓްރެކްޓްގައި ބާކީ އެންމެ އަހަރެއް އޮތްނަމަ ކޮންޓްރެކްޓް އާ ކުރަން އެއްބަސްނުވާ ކޮންމެ ކުޅުންތެރިއަކު ވެސް ވިއްކާލުމަށެވެ.