ކުޅިވަރު

ލިވަޕޫލްއަށް ދާން ބޭނުންވާ ނިއުކާސަލްގެ ފޯވާޑް ފަރިތަކުރަނީ ސްޕެއިނުގައި


ލިވަޕޫލްއަށް ދާން ބޭނުންވެފައި ހުރި ނިއުކާސަލް ޔުނައިޓެޑުގެ ފޯވާޑް އެލެގެޒެންޑަރ އިސާކް ކުލަބާ ނުގުޅި ސްޕެއިނުގައި ފަރިތަކުރަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން ނިއުކާސަލްއިން ބުނީ ސްވިޑްންގެ ފޯވަޑް ސްޕޭނުގެ ރެއާލް ސޮސިއޭޑާޑްގެ ޓްރޭނިން ފެސިލީޓީގައި ތަމްރީނު ހަދަމުންދަނީ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދުމަށް ކަމަށެވެ. ނަމަވެސް ސްޕޭނާއި އިނގިރޭސި ނޫސްތަކުން ބުނަނީ ނިއުކާސަލް މިހާރު ކުރަމުންދާ ޕްރީ ސީޒަން ދަތުރުގައި ވެސް އިސާކް ބައިވެރިނުވީ ލިވަޕޫލަށް ދާން ގަދަ ހެދުމުގެ ގޮތުންނެވެ.

އިސާކް އަކީ ވިއްކާލަން ނިއުކާސަލް ބޭނުންވާ ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް އޭނާ ގަތުމަށް އިނގިރޭސި ރެކޯޑް ފީއަކަށްވާ ވަރަށް ހަރަދު ކުރަން ވެސް ލިވަޕޫލް އޮތީ ތައްޔާރަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކުލަބުން މިހާރު ވެސް ވަނީ 120 މިލިއަން ޕައުންޑް ބިޑްކުރަން ތައްޔާރުވެފަ އެވެ. ނަމަވެސް މިކަން ހަގީގަތަށް ނުވެގެން އުޅެނީ ނިއުކާސަލްއިން ލިވަޕޫލާއެކު މަޝްވަރާ ކުރަން ބޭނުންނުވާތީ އެވެ.

ހުސްވި ސީޒަނުގައި ގިނަ ގޯލުތަކެއް ޖެހި އިސާކް ގަތުމަށް ލިވަޕޫލުން މަސައްކަތް ކުރަން ފެށުމާއެކު އޭގެ އެޑްވާންޓޭޖް ނަގަން ސައޫދީ ކުލަބުތަކުން ވެސް ވަނީ ތައްޔާރުވެފަ އެވެ. މި ގޮތުން ނިއުކާސަލްއިން އޭނާ ލިވަޕޫލަށް ނުވިއްކާނަމަ ސައޫދީގެ ކުލަބަކަށް ވިއްކާލާތޯ އެ ކުލަބުތަކުން ދަނީ ބޮޑެތި އަދަދުތަކުން އޮފާ ކުރަމުންނެވެ.

އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް 300 މިލިއަން ޕައުންޑާ ގާތަށް ހަދަދުކޮށްފަ އެވެ. އަދި އެ ކުލަބުގައި މިދިޔަ އަހަރުތަކުގައި މޮޅަށް ކުޅުނު ކޮލަމްބިއާގެ ލުއިސް ޑިއާޒް ވަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ވިއްކާލައިފަ އެވެ. މީގެ އިތުރުން އިސާކް ލިބިއްޖެނަމަ އުރުގުއޭގެ ފޯވަޑް ޑްރަވިން ނޫނޭޒް ވިއްކާލަން ވެސް ލިވަޕޫލް ވަނީ ތައްޔާރުވެފަ އެވެ.

ދާދި ފަހުން ނިއުކާސަލްގެ ކޯޗު އެޑީ ހޮވޭ ބުނީ އިސާކް މުސްތަގްބަލް އޭނާ އަށާއި ނިއުކާސަލް އަށް ވެސް ކަނޑައެޅެން ނެތް ކަމަށެވެ. ނަމަވެސް އޭނާ އުއްމދު ކުރަނީ އިސާކް ކުރި އަށް އޮތް ސީޒަނުގައި ނިއުކާސަލް އަށް ކުޅެދޭނެ ކަމަށް ކަމަށެވެ.