ޚަބަރު

ރަށްރަށުގައި އާރޓް ގެލެރީތަކާއި މިއުޒިއަމްތައް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ޔުމްނާ


އަތޮޅުތަކުގެ ރަށްރަށުގައި އާރޓް ގެލެރީތަކާއި، އެ ރަށެއްގެ ތާރީޚު ދައްކައިދޭފަދަ މިއުޒިއަމްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ފަންނުވެރިކަމުގެ ފުރުޞަތުތައް ހަމައެކަނި ފަހިވެފައި އޮންނަންޖެހެނީ މާލެ ސަރަޙައްދުގައިކަމަށް ޤަބޫލުފުޅު ނުކުރައްވަކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި "ޕަރމަނަންޓް ކަލެކްޝަން" އާރޓް ގެލަރީގައި ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖެއަކީ މުއްސަނދި ޘަޤާފަތަކާއި ތާރީޚެއް އޮތް ޤައުމަކަށްވާއިރު، އެ ޘާޤާފަތާއި ތާރީޚު ދިރުވައި އާލާކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެގޮތުން ކުރީގެ ފަންނާނުން ކުރަހާފައިވާ ކުރެހުންތަކާއި، އިހުގެ އެކި އާދަކާދަ ދައްކައިދޭ ތަކެތި އެއްކޮށް ފެންނަން ހުންނާނެގޮތަށް މިއުޒިއަމްތަކާއި، ފަންނާނުންގެ އެކި ހުނަރުތައް ދައްކާލެވޭނެހެން އާރޓް ގެލެރީތައް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިއްމު ތަޞައްވުރެއްކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، އެ ރަށްރަށުގެ ތާރީޚާއި އެ ސަރަޙައްދުގެ ޒުވާނުންގެ ހުނަރު ފެންނާނެހެން ގެލެރީތަކާއި މިއުޒިއަމްތައް ހުރުމަކީ، ފަތުރުވެރިންގެ މެދުގައި އެރަށްރަށް އިތުރަށް މަޤުބޫލުވާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ސަބަބުން ފަންނުވެރިންނަށް އެމީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ފަހިވެ، އިޤްތިޞާދަށްވެސް ކުރިއެރުން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރަށްރަށުގައި ފަތުރުވެރިކަން ފުޅާވަމުންދާއިރު، ވަކި ރަށެއް ފަތުރުވެރިޔާ ޚިޔާރުކުރަންޖެހޭ ސަބަބުތައް އޭނާ ބަލާނީ އިންޓަރނެޓުން، އިންޓަރނެޓުގައި މިފަދަ ގެލެރީތަކާއި މިއުޒިއަމްތަކުގެ މަޢުލޫމާތު ލިބެން ހުރުމަކީ އެރަށެއް ޚިޔާރުކުރާނެ ސަބަބަކަށް ވާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ހަމައެކަނި މާލޭގައެއް ނޫން ސަރުކާރުން ބޭނުންވަނީ މިފަދަ ފުރުޞަތުތައް އޮންނަންޖެހެނީ. އަތޮޅުތަކުގެ ފަންނާނުންނަށްވެސް ފުރުޞަތުތައް ހުޅުވިގެން ދާނެހެން މަސައްކަތް ކުރަންޖެހޭ" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ އާރޓް ގެލެރީތަކާއި މިއުޒިއަމްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ޚާއްޞަ ޕްލޭނަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއެވެ.

މި މަސައްކަތުގެ ދަށުން މީދޫގެ ކޯގަންނު ކުރިމަތީގައި، އެގްޒިބިޝަންތައް ބޭއްވޭނެހެން ހޯލްއަކާއެކު ތަރައްޤީކުރައްވަން ޕްލޭންތައް އެކުލަވާލެއްވުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވާކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

މީގެ އިތުރުން ނ. ލަންދޫގައި، މާބުދުގެ ސަރަޙައްދު ވެސް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގްޒިބިޝަންތައް ބޭއްވޭނެހެންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހއ. ކެލާ، ލިލީ ހައުސްގައި އާރޓް ގެލެރީއަކާއެކު މިއުޒިއަމް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްމުން ގެންދަވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ އިތުރު މަޝްރޫޢެއް ތ. ކިނބިދޫގައިވެސް ކުރިއަށް އެބަގެންދަވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.