ވިޔަފާރި

ޒަކާތު ނަފާ ޕްރޮގްރާމްގެ ފައިދާ ފެންނަން ފަށައިފި، އާއިލާތައް އުފަލުން ފޮޅިފައި


ޒަކާތު ނަފާ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މިއީ އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމާއި، ފަޤީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. ނޮޅިވަރަމްގައެވެ. އެގޮތުން އެގްރޯނެޓާއި ގުޅިގެން ނޮޅިވަރަމްގެ ފަޤީރު 4 އާއިލާއަކަށް ވަނީ ދަނޑުވެރިކަން ކުރާނެ އާލާތްތަކާއި ތަމްރީން ދީފައެވެ.

މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސްއެވެ. ބިމުގެ ބާކީބައިގައި ވަނީ ވަޅާއި ޕަންޕު ބަހައްޓާ ޒަމާނީ އިރިގޭޝަން ސިސްޓަމެއް ޤާއިމްކޮށްފައިކަމަށް އެގްރޯނެޓުން ބުނެއެވެ.

އެހެންކަމުން ދަނޑުގެ ބޮޑުބަޔަކަށް ސެމީއޮޓޯމެޓިކްކޮށް ފެންދެވޭނެ ގޮތް ވަނީހަމަޖެހިފައެވެ. ދަނޑަށް ފެންދިނުމަށް ދަނޑުވެރިން 2 ގަޑިއިރާއި 3 ގަޑިއިރު ހޭދަކުރަންޖެހޭއިރު، މި އިރިގޭޝަން ސިސްޓަމްގެ އެހީގައި މަދުވެގެން 20 މިނެޓް ތެރޭގައި މުޅި ދަނޑަށް ފެންޖަހާ ނިންމާލެވޭނެކަމަށް އެގްރޯނެޓުން ބުނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ޓްރެއިންނިންގއާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ގަސްކާނާ، މުޑުވަށް އަދި ބޭސްފަދަ ހުރިހާ ވަސީލަތެއް އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ފަރޓިގޭޝަން ސިސްޓަމްއާއިބެހޭ މަޢުލޫމާތާއި ދަނޑުވެރިކަމުގެ ފަންނީ އެހީތެރިކަންވެސް ވަނީ ދަނޑުވެރިންނަށް ދީފައެވެ.

ޒަކާތު ނަފާ ޕްރޮގްރާމްއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ މެނޭޖަރ، ރީޖަނަލް ނާދިއާ ޢަބްދުﷲ ވިދާޅުވީ، ނޮޅިވަރަމްގައި ޒަކާތު ނަފާ ޕްރޮގްރާމް ފެށުމަށް އެގްރޯނެޓުން ތައްޔާރުކޮށްފައިވާ ދަނޑުތަކުގައި މިހާރު އެ އާއިލާތަކުން މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި މި ދަނޑުތަކުގައި ހެއްދި ތަކެތި ހާވެސްޓްކޮށް މާކެޓަށްވެސް ނެރެވިފައިވާކަމަށް ނާދިއާ ވިދާޅުވިއެވެ.

"ނޮޅިވަރަމްގައި މަސައްކަތް ފެށި ދަނޑުވެރިންގެ ދަނޑުތަކުން އަޅުގަނޑުމެން މިހާރު މިވަނީ ތަކެތި ހާވެސްޓްކޮށްފައި މާކެޓަށްވެސް ނެރެފައި. އެގޮތުން އެ ދަނޑުތަކުން އަޅުގަނޑުމެންނަށް މިވަނީ ކަރާ އަދި ކިޔުކަންބާ ގިނަ ޢަދަދަކަށް މާކެޓަށް ނެރެވިފައި" ނާދިއާ ވިދާޅުވިއެވެ.

ހދ. ނޮޅިވަރަމް ކައުންސިލްގެ މެންބަރ މުޙައްމަދު މުސްތަފާ ވިދާޅުވީ، ސަރުކާރުން ފަޤީރު އާއިލާތަކަށް މި ހޯދަދިނީ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށާއި، މީގެ ސަބަބުން އެމީހުންގެ ހާލަތު ބަދަލުވެގެންދާނެކަމަށެވެ.

މީގެކުރިން މި އާއިލާތައް ތިބީ އާމްދަނީއެއް ލިބޭނެކަމެއް އޭގެ ޒާތުގައި ނުފެށި ވަރަށް ދަތި ހާލަތެއްގައިކަމަށް މުސްތަފާ ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ސަބަބުން މުޅި މުޖްތަމައުއަށް އަދި އެ އާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. މި އާއިލާތަކުގެ ހާލަތު ވަރަށް ގާތުން ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން މުޙައްމަދު މުސްތަފާ ވިދާޅުވީ، މި ކަމަށް އެ އާއިލާތަކުންވެސް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާކަމަށެވެ.

"ތިން ހަތަރު ފަހަރެއްގެ މަތިން އަޅުގަނޑު އެބޭފުޅުންނާއި ބައްދަލުކޮށް ވާހަކަދައްކައިފިން. ސީދާ ދަނޑަށް ގޮސްގެންވެސް އެބޭފުޅުންގެ މަސައްކަތް ހުރިގޮތް ބަލައިފިން. އެ ބޭފުޅުންނާއި ދޭތެރޭ އެހީތެރިވުމުގެ ގޮތުން މިފަދަ ދޮރެއް ހުޅުވަދިނީތީ ހަމަ ސަރުކާރަށް ޝުކުރު އަދާކޮށް އުފަލުން ހަމަ އެބޭފުޅުންގެ ލޮލުން އުފަލުގެ ކަރުނަ އައިތަން އަޅުގަނޑު ދުށިން. އެހާވެސް ހިތްހަމަ ޖެހިފައި ހުރީ އިނގޭތޯ" މުސްތަފާ ވިދާޅުވިއެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ރަސްމީކޮށް ފެށި ރަށަކަށް ނޮޅިވަރަމް ވުމަކީ ކައުންސިލުން އުފާކުރާ ކަމެއްކަމަށް މުޙައްމަދު މުސްތަފާ ވިދާޅުވިއެވެ. ޒަކާތު ނަފާގެ އެހީ ލިބިފައިވާ ނޮޅިވަރަމްގެ އާއިލާތަކުގެ ނަންތައް ކުރިއަށްއޮތް ތަނުގައި ފަޤީރުންގެ ދަފްތަރުން އުނިވެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށް ނޮޅިވަރަމް ކައުންސިލުން ފާހަގަކުރެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން ކެލާގައިވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. ޒަކާތު ނަފާގައި ދޫކުރާ ދަނޑުވެރިކަމުގެ އެއްވެސް އާލާތަކަށް އަގު ދައްކާކަށް ނުޖެހޭނެއެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި ގަންނާނީ އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގެ އަގުތަކުގައެވެެ.