ވިޔަފާރި

ފަތުރުވެރިކަމުގެ ވަރުގަދަކަން ދައްކައިދެނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން: ޠައްޔިބު


ރާއްޖޭގެ ފަތުރުވެރިކަމުގެ ވަރުގަދަކަން ދައްކައިދެނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންކަމަށް އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޠައްޔިބު މިހެން ވިދާޅުވީ، އެމް.އެމް.ޕީ.އާރު.ސީން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތް "ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާރސް ކޮންފަރެންސް 2023" ގެ ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ ބޮޑެތި އުއްމީދުތަކެއް އެ އިވެންޓާ ގުޅިފައިވާ މިހާތަނަށް އެމް.އެމް.ޕީ.އާރު.ސީއިން ބާއްވާ މިފަދަ އެންމެ ބޮޑު އިވެންޓްކަމަށް އެ ކުންފުނިން ބުނެއެވެ. އެމް.އެމް.ޕީ.އާރު.ސީއިން ޤަބޫލުކުރާ ގޮތުގައި "ސަން ސޭންޑް އެންޑް ސީ" ގެ އިތުރުން، ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުން ލިބެން ހުރި ތަޖުރިބާތަކުގެ ތަފާތުކަން ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި އެމް.އެމް.ޕީ.އާރު.ސީން ވަނީ 7 ޕާޓްނަރުންނާއިއެކު ސޮއެކޮށްފައެވެ. "ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާރސް ކޮންފަރެންސް 2023" ގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތައް:

* ހޮސްޓް ޕްރޮޕަޓީ - ކްރޮސްރޯޑް މޯލްޑިވްސް
* ސީޕްލޭން ޕާޓްނަރ - ޓްރާންސް މޯލްޑިވިއަން އެއަރވޭސް
* ޑޮމެސްޓިކް އެއަރލައިން ޕާޓްނަރ - މޯލްޑިވިއަން
* ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރ - ޖަލްބޫޓް މޯލްޑިވްސް
* ޓެކްނޮލޮޖީ އެންޑް ޕްރޮޕަޓީ ޕާޓްނަރ - ދިރާގު
* ދެމެހެއްޓެނިވި މަސްވެރިކަމުގެ ޕާޓްނަރ - މިފްކޯ
* ސަޕޯޓިންގ ޕާޓްނަރ - އެމްއޭސީއެލް

މި ރަސްމިއްޔާތުގައި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، މިފަދަ ބޮޑު އިވެންޓަކަށް ކުންފުނިތަކުން ފޯރުކޮށްދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައ،ި ވަނީ ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އެކަނި މަސައްކަތްކުރާ ސިނާއަތެއް ނޫން ކަމަށް ހާމަކުރައްވަމުން ޠައްޔިބު ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކާ ގާތުން އެކަކު އަނެކަކަށް އެހީތެރިވަމުން މަސައްކަތް ކުރުން މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ވަރުގަދަކަން ދައްކައިދޭ މިސާލެއްކަމަށެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށްވުރެ ގިނަ ސްޓޯރީ ޓެލާރސް ބައިވެރިވާކަން ޠައްޔިބު ފާހަގަކުރެއްވިއެވެ.

"30 މޭއިން 2 ޖޫންއަށް މިކަން ކުރިއަށްދާނީ. ދެން 65 ސްޓޯރީ ޓެލާސް މި ކޮންފަރެންސްގައި ބައިވެރިވާނެ ދުނިޔޭގެ އެކި ކަންކޮޅުތަކުން. މި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހޮވާފައި ވާނީ ކޮންޕެޓިޝަންއަކުން. ވަރަށް އުފާވޭ ދިވެހި 3 ބޭފުޅަކުވެސް މިއަށް ހޮވިފައިވާތީ. މި ފަރާތްތައް ހޮވާފައި ވަނީ ޖަޖުންގެ ޕެނަލްއަކުން” ޠައްޔިބު ވިދާޅުވިއެވެ.

މި ކޮންފަރެންސް އޮންނާނީ 30 މެއި އިން 02 ޖޫން އަށެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މި ކޮންފަރެންސަކީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ އިތުރުން، ސަނީ ސައިޑް އޮފް ލައިފްގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓްތަކާއި، އުފެއްދުންތަކާއި، ތަފާތު ތަޖުރިބާތައް ޕްރޮމޯޓް ކުރުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސެއްކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. މި ކޮންފަރަންސްގެ ސައިޑްލައިން ތަޖުރިބާތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ތަފާތުކަން ފެނި، އެ ސަރަޙައްދުތައް ކުރިއެރުވުމުގެ ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މީގެ ސަބަބުން އެކި ފުރުޞަތުތައް ތަނަވަސް ވެގެން ދާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ ހަރަކާތަކަށް ވެގެންދާނެއެވެ. އަދި ސަނީ ސައިޑް އޮފް ލައިފްގެ ގުދުރަތީ ރީތިކަމާއި، މެހެމާންދާރީ ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ދައްކާލުމަށް މިއީ ރަނުގެ ފުރުޞަތެއްކަން އެމް.އެމް.ޕީ.އާރުސީން ފާހަގަކުރެއެވެ.