ޚަބަރު

20 ރަށެއްގަ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރަނީ


އަތޮޅުތަކުގެ 20 ރަށެއްގައި 20 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށް ނިންމައި، އެކަން ކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މި މަޝްރޫޢުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ "އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ" (އެޝުއަރ) ޕްރޮޖެކްޓުގެދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުއަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާގޮތަށެވެ.

މި މަޝްރޫޢުގެދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރާ ރަށްރަށުގެ ތެރޭގައި، އަތޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކާއި، އާބާދީ މަދު ރަށްތަށްވެސް ހިމެނެއެވެ.

ސޯލާ ނިޒާމު ޤާއިމްކުރާ ރަށްތަކަކީ:

1. ހއ.ދިއްދޫ 2. ހދ.ހަނިމާދޫ 3. ށ.މިލަންދޫ 4. ނ.މަނަދޫ 5. ނ.ހޮޅުދޫ 6. ނ.ވެލިދޫ

7. ބ.ދަރަވަންދޫ 8. ބ.ތުޅާދޫ 9. ރ.އަލިފުށި 10. ރ.ހުޅުދުއްފާރު 11. މ.މުލި 12. މ.މުލަކު

13. މ.ވޭވަށް 14. މ.ރަތްމަންދޫ 15. ފ.ނިލަންދޫ 16. ތ.ގުރައިދޫ 17. ތ.ތިމަރަފުށި

18. ގއ.މާމެންދޫ 19. ގދ.ގައްދޫ 20. ގދ.ފަރެސްމާތޮޑާ

މި މަޝްރޫޢުއަށް ބީލަން ހުށައެޅުމަށް ހުޅުވާލާފައިވަނީ އޮގަސްޓްމަހުގެ 14ވަނަ ދުވަހާ ހަމައަށެވެ. މި މަޝްރޫޢުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 5ލައްކަ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ބަހައްޓަންޖެހެއެވެ.

ރާއްޖޭގެ ބަޖެޓުން ކޮންމެ އަހަރަކު، ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކުރަނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ގަތުމަށެވެ. މިއީ ތިމާވެށީގެ ބޮޑު މައްސަލައެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ތެލަށް ބަރޯސާވުން ކުޑަކޮށް، ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް ކަރަންޓު އުފެއްދުމާ ދިމާލަށް ރާއްޖެއިން މިސްރާބު ޖަހާފައިވާއިރު، މިހާރުވެސް ބައެއް ރަށަރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އަންނަނީ ބޭނުންކުރަމުންނެވެ.

އިއާދަކުރަނިވި ހަކަތައިގެ ނިޒާމަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މި އަހަރު ނިމޭއިރު، 42 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކޮށް ނިމޭނެކަމަށް ސަރުކާރުން މީގެކުރިން ހާމަކުރައްވާފައިވެއެވެ. އޭގެ ސަބަބުން 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތް ކުރެވޭނެއެވެ. އަދި މި މަސައްކަތްތައް ނިމުމުން އަހަރަކު 320 މިލިއަން ރުފިޔާ، ތެލުގެ ޚަރަދުން ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.

ކުރިއަށް އޮތް 2 އަހަރު ނިމޭއިރު، ރާއްޖޭގެ 39 ރަށެއްގެ އިންޖީނުތައް ދުވާލުގަޑީގައި މުޅިން ނިވާލައިގެން ޚިދުމަތްދެވޭވަރަށް އިއާދަކުރަނިވި ހަކަތަ ޤާއިމުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.