ޚަބަރު

ކިނޮޅަހަށް ޒަމާނީ ބަނދަރެއް، ކޮންމެ އިރުވަޔަށް ނެރު ބަންދުވުން މާޒީގެ ތެރެއަށް


ތަރައްޤީއާ ތަހުޒީބާ އިޤްތިޞާދީ ކުރިއެރުން ކޮންމެ ރަށަކަށްވެސް ލިބޭނީ ލަފާފުރުމުގެ ރަނގަޅު ނިޒާމެއް އޮވެގެންނެވެ. ނަމަވެސް ބަނދަރެއް އޮވެމެ، ރ.ކިނޮޅަހު ރައްޔިތުން މީގެ ކުރިން އުފުލަމުން އައީ ވަރަށް ބޮޑު ތަކުލީފެކެވެ. އެއީ ވަރަށް ހިތްދަތި ދުވަސްތަކެއްގެ ގޮތުގައި އެރަށު ރައްޔިތުން ސިފަކުރެއެވެ.

ދެހާސް ނުވަވަނަ އަހަރު ރ.ކިނޮޅަހުގައި ބަނދަރެއް ހެދުމުން ރައްޔިތުން ނުކުމެ ކޭންކައްކާ އެކަމުގެ އުފާވެރިކަން ފާޅުކުރިއެވެ. އޭރު ބޭނުންވީ ލަފާ ފުރޭނެ ރައްކާތެރިގޮތެކެވެ. ނަމަވެސް އެ އުއްމީދު އެރަށު މީހުންނަށް ހާސިލްވިތާ ފަސް އަހަރު ނުވަނީސް ބަނދަރު ބޭނުން ކުރުމުގައި ތަފާތު ދަތިތަކާ އެރަށު ރައްޔިތުން ކުރިމަތިލާންޖެހުނެވެ.

ރަށުގެ ހުޅަނގު އުތުރު ފަރާތުގައި އޮންނަ ދޮންވެލިގަނޑު، އިރުވައި މޫސުމަށް ވޮޑެމުންގޮސް އެފަސްތައް ޖަމާވާން ފެށީ ބަނދަރަށް ވަދެ ނުކުތުމަށް ހަދާފައި އޮންނަ ނެރުމައްޗަށެވެ. މަޑުމަޑުން ނެރު ތިލަވެ މުދާ ހިފައިގެން އަންނަ އުޅަނދުތައް ބީހެން ފެށިއެވެ. މިކަން ދިމާވާން ފެށި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވަޔަށް މޫސުން ބަދަލުވާން ފެށުމުން މިކަން ދިޔައީ ބޮޑުވަމުންނެވެ.

ސަރުކާރުތަކުގެ ސަމާލުކަމަށް މިކަން ކައުންސިލުން ގެނައެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް އިޖާބައެއް ނުދިނުމުގެ ނަތީޖާއަކަށްވީ އެރަށު މީހުން 2020 ވަނަ އަހަރު ހައްފާތާއަކަށްވު ދިގު މުއްތަތައް ރަށު ބަންދުވުމެވެ. ރަށަށް މުދާ އެތެރެކުރެވޭނެ ގޮތެއްނެތި އެރަށު މީހުން އެދުވަސްތައް އުޅުނީ ވަރަށް ހާލުގައިކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވިއެވެ.

"އުޅުނު ހާލު ބުނެދިނަސް ނަގައެއް ނުގަނެވޭނެ، އެނގޭނީ އެކަން ތަޖުރިބާ ކުރި މިރަށު މީހުންނަށް. އެއީ ހިތްދަތި ދުވަސްވަރެއް. ރަށުން މީހުންގެ އާދޭސް ސަރުކާރުން އަޑުއަހާ، އެކަމަށް މިހާރު މިވަނީ ﷲގެ ރަޙްމަތުން އެކަން މިރަށު މީޙުންނަށް މާޒީވެފައި" ބަނދަރުގެ ނެރު ބެދޭ މައްސަލައާ ގުޅޭގޮތުން ވާހަކަދައްމުން އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޙުސެއިން ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ސަމާލުކަމަށް މިކަން އައީ ނެރުބެދި ރައްޔިތުން ނުކުމެ ނެރުމައްޗައް ވޮޑެފައިވާ ވެލި ގަނޑު މަތީގައި ނަގާފާއިވާ ފޮޓޯތައް ސޯސަލް މީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ.

އެވަގުތުން ފެށިގެން އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ފެށްޓެވިއެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން އެންމެ ފުރަތަމަ ފެށި މަސައްކަތަކަކީ ނެރުމައްޗައް އަރާފައިވާ ފަސްގަނޑު ނަގާ ވަދެ ނުކުމެވޭނެ މަގުތަނަސްކޮށްދިނުމެވެ. އެއަށްފަހު އެނެރު ބައްދާ އައު ނެރަކާއެކު ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ފެށިއެވެ. އެއީ އެނޫންގޮތަކަށް އެކަން ހައްލުކުރެވެން ނެތުމުންނެވެ.

ސަރުކާރުން އެރަށު ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސީ ޚިދުމަތް މިހާރު މިވަނީ ޤާއިމްކޮށްދެއްވާ ނިންމަވާފައެވެ. މީގެކުރިން ބަނދަރުގެ ޖާގަ ކުޑަވުމާއި، ވެލި ވަދެ ފަޅު ތިލަވެ މުދާ ހިފައިގެން އަންނަ ބޮޑެތި އުޅަނދުތައް ބީހުމާއި، ކޮންމެ އިރުވައެއްގައި ނެރުބެދުމަކީ ކިނޮޅަހު ރައްޔިތުން މީގެ ކުރިން އުފުލަމުން އައި ތަކުލީފްތަކެވެ. އަހަރަކު އެއްފަހަރު ނަމަވެސް އެރަށު މީހުން ރަށު ބަންދުވެއެވެ. ނަމަވެސް އެކަން މިހާރު މާޒީގެ ތެރެއަށް މިވަނީ ގޮސްފައެވެ. މިކަމަށް އެކަމަށް ރައްޔިތުން ޝުކުރުވެރިވާކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވިއެވެ.

"އެދުވަހެއް ނާދޭތޯ އެދިއެދި ތިބި ކިނޮޅަހު ރައްޔިތުންނަށް ސަރުކާރުން މިކަން ހައްލުކޮށްދިނީތީ ރައްޔިތުން ޝުކުރު އަދާކުރޭ، ކުރިން ބެދޭ ނެރު ބެއްދުމުންވެސް ރައްޔިތުންގެ ހިތައް ފިނިކަމެއް ލިބުނު އެނެރު އޮތްނަމަ އަބަދު ފެންނާނީ ނެރު ބެދޭތަން އެހެން ނޫނީ މިސާލު ޖަހާ މީހުންނަށް ދައްކާތަން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން 46.55 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހެދި ބަނދަރާއެކު، އެ ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިފައެވެ. އަދި ބަނދަރާއި އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖަހާ ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް މިހާރު ވަނީ ދާއިމީ ޙައްލެއް ލިބިފައެވެ.