ޚަބަރު

ފައިނަލުގައި ވާދަކުރާނީ ކޮނަހާސް އާއި ކޮރަކަލި އެފްސީ


  • ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 50,000 ރުފިޔާ

ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ކޮރަކަލި އެފްސީ އާއި ކޮނަހާސް ޖާގަ ހޯދައިފިއެވެ.

ކޮރަކަލި އެފްސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި 5-0 ން ކޭކޭޑީޑީ ބަލިކޮށްގެންނެވެ. މެޗުގައި ރައްޒާން ޖައުފަރާއި ހުސެއިން ފައިސަލް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ އަބްދުالله ރަމީޒު އަހުމަދެވެ. ކޮރަކަލި އެފްސީގެ ލަނޑުތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ބިދޭސީ ކުޅުންތެރިޔާ މޮހޮސިން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް މޮހޮސިން އެވެ.

ފައިނަލުން ކޮނަހާސް ޖާގަ ހޯދީ ސެމީފައިނަލުގައި 3-0 ން އަރޭކާ ސްޕޯރޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ކޮނަހާސްގެ ތިން ލަނޑުވެސް ޖެހީ އަހުމަދު އަޝްރަފް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މުބާރާތުގެ ފައިނަލަށް ކޮނަހާސް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

ކޮނަހާސް އާއި ކޮރަކަލި އެފްސީ ވާދަކުރާ ފައިނަލު މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.