ކުޅިވަރު

އޭޝިއަން ގޭމްސް: ކްރިކެޓްގެ އަންހެން ރަންމެޑަލް އިންޑިއާ އަށް


އޭޝިއަން ގޭމްސްގެ އަންހެނުންގެ ކްރިކެޓް މުބާރާތުން އިންޑިއާ ރަން މެޑަލް ހާސިލް ކޮށްފި އެވެ.

ފައިނަލުގައި އިންޑިއާ އަތުން ބަލިވީ ސްރީލަންކާ އެވެ. އެއީ 147 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގައި އިންޑިއާ ގަސްތު ކުރީ ފުރަތަމަ ބެޓް ކުރާށެވެ. ތިން ވިކެޓަށް އިންޑިއާއިން އިނިންގްސް ނިންމާލީ ޖުމުލަ 216 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން ނުކުމެ ލަންކާ އަށް ހެދުނީ އެންމެ 69 ލަނޑެވެ.

ކްރިކެޓްގެ ރަންމެޑަލް އަކީ ގޭމްސްގައި އިންޑިއާ އަށް ލިބުނު ފުރަތަމަ ރަންމެޑަލް އެވެ. މި މަހުގެ 19 އިން އަންނަ އޮކްޓޫބަރު ތިނަކަށް ޖަޕާނުގައި ކުރިއަށްދާ މުބާރާތުގައި އިންޑިއާ ވަނީ މިހާތަނަށް 11 މެޑަލް ހާސިލް ކޮށްފަ އެވެ. އެއީ އެއް ރަންމެޑަލް އާއި ފަސް ރިހި މެޑެއްޔާއި ފަސް ލޯ މެޑަލް އެވެ.

ކްރިކެޓް މުބާރާތުގެ ތިން ވަނަ ހާސިލް ކުރީ ބަނގްލަދޭޝް ބަލިކޮށް ޕާކިސްތާނެވެ. ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ޕާކިސްތާން ވަނީ ކުޅެން ނުކުމެ އަށް ކުޅުންތެރިން ނުބައިވެގެން 145 ލަނޑު ހަދައިފަ އެވެ. އެއީ ފާތިމަތު ސަނާގެ މޮޅު ކުޅުމާއެކުގަ އެވެ. އޭނާ ވަނީ ޖުމުލަ 45 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ބެޓިން އަށް ނުކުމެ ބަނގްލަދޭޝް އަށް ހެދުނީ ހަތް ކުޅުންތެރިން ނުބައިވެގެން 114 ލަނޑެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ފަށާނީ މިއަދު އެވެ.