ޚަބަރު

ވިނަރެސް ލިސްޓް ތަރުތީބުކޮށްފި، ދެން ފަށާނީ އެޕަރޓްމަންޓް ޚިޔާރުކުރުމާއި ބުކިން ފީ ނެގުން


ވިނަރެސް ހައުސިންގ މަޝަރޫޢުއިން ފްލެޓް ލިބޭ މީހުންގެ ލިސްޓް ތަރުތީބުކޮށްފިއެވެ. އެޗް.ޑީ.ސީން ބުދަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ލިސްޓުގައި ޕޮއިންގެ ގޮތުން އެއްވަރުވެފައިވާ މީހުންގެ ތަރުތީބު ކަނޑައެޅުމަށް ނަގާ ގުރުގެ މަސައްކަތެވެ.

ވިނަރެސް މަޝްރޫޢުގައިި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1344 ހައުސިން ޔުނިޓްވަނީ ތަރައްޤީކޮށްފައެވެ. ވިނަރެސްގެ ދާއިމީ ލިސްޓް އިޢުލާންކުރީ މިދިޔަ ފެބްރުއަރީމަހުގެ 2 ވަނަ ދުވަހުއެވެ.

މީގެތެރެއިން ދެ ކެޓަގަތީއަކުން ފްލެޓް ލިބުނު މީހުންގެ ލިސްޓް މިވަނީ ތަރުތީބުކޮށްފައެވެ. އެގޮތުން މާލެ ރައްވެހިންނަށް ޚާއްސަ ކެޓަގަރީއިން ފްލެޓް ލިބުނު 1058 މީހުންނާ، މާލޭގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ޚާއްސަ ކެޓަގަރީއިން ފްލެޓް ލިބުނު 257 މީހުން ހިމެނެއެވެ.

އެޗް.ޑީ.ސީން ބުނެފައިވަނީ ފްލެޓްލިބުނު މީހުންގެ ވަރަށް ގިނަ މީހުންގެ ޕްއިންޓް އެއްވަރަށް ލިބިފައި ހުރިކަމަށެވެ. ނަމަވެސް މިހާރު ގުރުއަތުނަގާ، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ލިސްޓު ކަނޑައަޅާފައިވާކަމަށެވެ. އަދި އެ ލިސްޓް އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ.

ގުރުއަތުނެގުން ކުރިއަށްގެންދިޔަ ވަގުތު އެޗްޑީސީގެ ރަސްމީ ފޭސްބުކް ޕޭޖްއިން ލައިވްކޮށްފައިވެއެވެ. އަދި އަދި ގުރުއަތުނެގުން ކުރިއަށް ދިޔައިރު އޮބްޒާވްކުރުމުގެ ފުރުޞަތުު، ފްލެޓް ލިބުނު 2 ކެޓަގަރީއިން 5މީހުންނަށް ދީފައިވެއެވެ.

އެޗްޑީސީން ބުނީ ދެން ކުރިއަށް ގެންދާނީ، ބުކިންގ ފީ ނެގުމާއި "ވިނަރެސް" އެޕަރޓްމަންޓް ޚިޔާރުކުރުމުގެ ފުރުޞަތު ދިނުންކަމަށެވެ. މި ފުރުޞަތު ދޭނީ ލިސްޓު ތަރުތީބުކޮށް ޝާއިޢުކުރާ ލިސްޓާ އެއްގޮތަށެވެ. އަދި ފްލެޓަށް ފައިސާ ދެއްކުމުގެ ކަންކަންވެސް ފަށާނެކަމަށެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.

މި ޕްރޮޖެކްޓްގެތެރެއިން ވަނީ، ހިޔާ މަޝްރޫއިން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފް އަދި ގުޅީފަޅު މަޝްރޫޢުގައި ބައިވެރިވި މީހުންނަށް ފްލެޓްހޯދުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް މިނިސްޓްރީއިން މިހާރު ތަރުތީބުކުރާ ލިސްޓްގައި މި ކެޓަގަރީތައް ނުހިމެނެއެވެ.

ވިނަރެސް މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްޤީކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އޭގެތެރެއިން މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.047 މިލިއަން ރުފިޔާއާ ދެމެދުގައެވެ.