ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި އެއަރޕޯޓް މަޝްރޫޢުތައް ހިމެނެއެވެ. ފަހުން ހުޅުވި ބައެއް އެއަރޕޯޓްތަކުގައި ޢާއްމުންގެ ގިނަ ކަންބޮޑުވުމަކާއި ޝަކުވާއެއް އޮތީ ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމު ނެތުމެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައިވަނީ އެއަރޕޯޓް ތަރައްޤީކޮށްފައެވެ. އެހެންނަމަވެސް ހުރިހާ ވަގުތެއްގައި އެއަރޕޯޓްގެ ޚިދުމަތް ރައްޔިތުންނަކަށް ނުލިބެއެވެ. ސަބަބަކީ ރޭގަނޑު ގަޑީގައި ފްލައިޓް ޖެއްސުމަށް އޭވިއޭޝަންގެ ގަވާއިދުގައި ބަޔާންކުރާ ލައިޓުތައް ގިނަ އެއަރޕޯޓްތަކުގައި ނެތުމެވެ. މީގެ ސަބަބުން އެއަރޕޯޓެއް އޮވެމެ އިމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުން ގެންދިޔުމުގައާއި އެނޫންވެސް މުހިއްމު ކަންކަމުގައި އެއަރޕޯޓްގެ ބޭނުމެއް ނުކުރެވެއެވެ.
މިކަމަށް ބަދަލެއް ގެނެސް ފަހުގެ ތާރީޚެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތަށް ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓަކީ ފަރެސްމާތޮޑާ އެއަރޕޯޓެވެ. ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންވެސް އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަނީ މިއެއަރޕޯޓު ހުޅުވާ ޚިދުމަތް ލިބޭނެ ދުވަހަކަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ. މަސައްކަތް ނިމުމަކާއި މިހާރުވަނީ ގާތްވެފައެވެ. މިމަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓްގެ ބޮޑެތި ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕްރޮޖެކްޓްގެ ތެރެއިން ފަހުން ހަވާލުކުރި އެޑްމިން ޢިމާރާތުގެ މަސައްކަތާއި ފެންސް ހަރުކުރުމުގެ ބައެއް މަސައްކަތްތައް ކަމަށެވެ.
" ހުރިހާ މަސައްކަތެއްވެސް މިހާރު ގާތްގަނޑަކަށް ނިމިގެން އެންމެ ފަހުގެ ޓަޗްކޮށްލުމުގެ މަސައްކަތްތައް ކުރިއަށް މިދަނީ. މިއެއަރޕޯޓްގެ ލައިޓްތައްވެސް މިހާރުވަނީ ހަރުކުރެވިފައި. މިއީ ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމުތަކާއެކު ހުޅުވާ އެއަރޕޯޓެއް. މީގެ ސަބަބުން އެތައް ލުޔެއް ލިބިގެންދާނެ ރައްޔިތުންނަށް." އާޒިމް ވިދާޅުވިއެވެ.
ގދ.ފަރެސްމާތޮޑާގެ ފަޅުތެރޭގައި ހުރި ރަށްތައް ހިއްކައިގެން ތަރައްޤީކުރާ ފަރެސްމާތޮޑާ އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ. މިއެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި، ރަންވޭއާއި، ޓަރމިނަލްގެއިތުރުން އެއަރޕޯޓް ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ފެންސް ޖެހުމުގެ މަސައްކަތާއި އެއަރޕޯޓް ސަރަޙައްދާއި ފަރެސްމާތޮޑާ ގުޅާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ކޯޒްވޭއާއި ގުޅޭ މަގުތައްވެސް ހަދާނެއެވެ.
ކޯޒްވޭގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ މޭއި މަހުގެ ތެރޭގައެވެ. އޭގެ ކުރިން އަންނަ މަހުގެ 15 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ސަރުކާރުން ވަނީ އަންނަމަހުގެ 15 ވަނަ ދުވަހު ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ނިންމާފައެެވެ.