ޚަބަރު

ކޮޅުފުށީގައި ނުނިމިހުރި 100 ހައުސިންގ ޔުނިޓް ނިންމުމަށް އާރްސީސީއަށް


މ. ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައި ނުނިމިހުރި 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެއެވެ. އަދި ރަޝީދު ކާޕެންޓްރީ ކޮންޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރ އާދަމް ރަހީމެއެވެ.

އާރް.ސީ.ސީއާ މަސައްކަތް ނިންމަން ޙަވާލުކުރި މި 100 ހައުސިންގ ޔުނިޓަކީ 2019 ވަނަ އަހަރު ކޮންޓްރެކްޓަކަރާ ޙަވާލުކޮށް ޢަމަލީ މަސައްކަތް ފެށުމަށްފަހު މަސައްކަތް އެއްކޮށްހެން ހުއްޓިފައި އޮތް ޔުނިޓްތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޞީރު ވިދާޅުވީ، ސޮއިކުރެވިގެން މިދިޔަ މަޝްރޫޢަކީ ރައީސް ކޮޅުފުއްޓަށް ވަޑައިގެން ކޮޅުފުށީގެ ރައްޔިތުންނާއި ކުރެވުނު މަޝްވަރާގެ މަތިން ކޮޅުފުށީގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ވައުދުވި މަސައްކަތެއްކަމަށެވެ.

ކޮޅުފުއްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ.

ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައިވެސް 100 އެތައް ގެއެއް ރަށުގައި އަޅާދީފައިވާކަން ފާހަގަކުރައްވާ، އޭގެ އަހަރުތަކެއްފަހުން، އަނެއްކާވެސް ކޮޅުފުށީގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ލިބިގެންދާތީ އެކަމާ އުފާކުރައްވާކަމަށް މެންބަރު ނަޞީރު ފާހަގަކުރެއްވިއެވެ.

"ސުނާމީއަށްފަހު އެންމެ ބޮޑު އެއް ހާދިސާއެއް ހިނގައިދިޔަ ރަށަކީ ކޮޅުފުށި. ދިވެހިރާއްޖޭގައި އެމްޑީޕީގެ ސަރުކާރުން ފެއްޓެވި ބޯހިޔާވަހިކަމުގެ މަޝްރޫގެ ތެރެއިން 100 އެތަކެއް ގެޔެއް އަޅާފައިވޭ. އޭގެ 18 އަހަރު ފަހުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ސޮއިކުރެވިގެން މިދިޔައީ" ނަޞީރު ވިދާޅުވިއެވެ.

ކޮޅުފުށީ 100 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު ހުއްޓިގެންދިޔައީ ކޯވިޑް-19ގެ ސަބަބުން މަޝްރޫޢުގެ މަސައްކަތްތަކަށް ބޭނުންވާ މީހުންނާއި ސާމާނު ގެނައުމުގައި ކޮންޓްރެކްޓަރަށް ކުރިމަތިވި ދަތިތަކުގެ ސަބަބުންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ހުއްޓުނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މަސައްކަތް ހުއްޓުނުއިރު، މި 100 ހައުސިންގ ޔުނިޓުގެ ތެރެއިން 34 ޔުނިޓެއްގެ ފައުންޑޭޝަން މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި 7 ޔުނިޓެއް ރޭނުގެ މަސައްކަތްވެސް އޭރުކޮށްފައިވެއެވެ.

މި 100 ހައުސިންގ ޔުނިޓަކީވެސް މުޅިން 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. އެގޮތުން ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

ކޮޅުފުށީގައި ނުނިމިހުރި މި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ސަރުކާރުން ޕީ.އެސް.އައި.ޕީއިން 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އާރް.ސީ.ސީއަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.