ބ. ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން އިސްކުރާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްކުރުމުގެ ސިޔާސަތުކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ރިޔާސީ އިންތިޚާބުގައި އާއި އެހެން ބައްދަލުވުންތަކުގެ ތެރެއިން ވެފައިވާ ވަޢުދުތައް ފުއްދުމުގެ ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދަރަވަންދޫގައި ހުންނަ އަތޮޅު މަދަރުސާއަށް 8 ކްލާސްރުމާއި އޮފިހާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުމަށް ވަޢުދުވެފައިވާކަމަށާއި، އެކަންކަން ހާސިލުކުރެވެމުންދާކަމަށެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި ސޮއިކުރެވުނު ސްކޫލްގެ މަޝްރޫޢު ވެގެންދާނީ ދަރަވަންދޫގެ ތަޢުލީމީ ހަޔާތް އައު ހަރުފަތަކަށް ގެންގޮސްދޭނެ މަސައްކަތަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި، އިސްކަންދީގެން ކުރިއަށްގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހެން ދާއިރާތަކުންވެސް ދަރަވަންދޫގެ ތަރައްޤީއަށް ވަޢުދުވެފައިވާކަމަށާއި، އެގޮތުން ސިއްހީ ދާއިރާއަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަަމަށާއި އެގޮތުން އެކަމަށް ބޭނުންވާ މެޝިނަރީ ރަށާ ހަމައަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކްސްރޭގެ ޚިދުމަތާއި އެހެން ޚިދުމަތްތައްވެސް ވީ އެންމެ އަވަހަށް ސިއްޙީ މަރުކަޒުގައި ފެށުމަށް މަސައްކަތްކުރާކަމަށާއި ސިއްޙި މަރުކަޒަށް މުވައްޒަފުން އިތުރުކުރުމަށް އިސްކަންދީގެން މަސައްކަތްކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މިހާރުހުރި ސިއްޙީ މަރުކަޒު އައު ހަރުފަތަކަށް ގެންދިއުމުގެ ކުރިންވެސް މިހާރު ޤާއިމްކުރެވެންހުރި ޚިދުމަތްތައް ފެށުމަށް މި މަސައްކަތްކުރަނީ. މިހާރު ހުރި ސިއްޙީ މަރުކަޒަށް އިތުރު އެނދުތަކާ ވަސީލަތް ހިމަނައިގެން އަންނަ އަހަރު 30 އެނދުގެ ސިއްޙީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް އަޅައިދޭނަން. އެއީ ވަރަށްވެސް މުހިންު ކަމެއް. އެއަރޕޯޓެއް އޮވެމެ ރައްޔިތުންނަށް ބެނުންވާ ސިއްޙީ ޚިދުމަތްތައް އިތުރުން ޤާއިމްވެފައިވާ، ޚާއްޞަކޮށް ޓޫރިޒަމްގެ ކަސްޓަމރުންނާ އެހެން ބޭނުންތަކަށް އަނަނަ މީހުންނަށް މިދެންނެވި ފެންވަރުގެ ހޮސްޕީޓަލެއް ހުންނަންޖެހޭ.”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަމަލީގޮތުން މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަކީ އިސްކަންދޭ ސިޔާސަތެއްކަމަށާއި، އެގޮތުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުން ދަރަވަންދޫގެ ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި މިއަހަރާއި އަންނަ އަހަރުވެސް ކުޅިވަރުގެ އިތުރު ވަސީލަތްތައް ދަރަވަންދޫގައި ޤާއިމްކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދަރަވަންދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ތައްޔާރުވަމުން އަންނަކަަމަށާއި، އެކަމަށް ބޭނުންވާ ފަންނީ އަދި އިދާރީ މަސައްކަތް ނިމި މިހާރު އޮތީ ކޮންޓެކްޓަރަކާ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދަރަވަންދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލާމަރުކަޒީ ޚިދުމަތް ދިނުމަށްވެސް އިސްކަންދެއްވާކަަމަށާއި، އެގޮތުން އައިޑީކާޑު އަދި ޕާސްޕޯޓުގެ ހިދުމަތް ގިނަ އަތޮޅުތަކާއި ރަށްތަކެއްގައި ޤާއިމްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަން ދަރަވަންދޫގައިވެސް ފެށުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޔުނެސްކޯ ބައޮސްފިޔާ ރިޒާވް ޓޫރިޒަމަށް މުހިންމުކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށްވާތީ ދަރަވަންދޫގައި އަންނަ އަހަރުގެ ވޮޗްޓަވަރ ޤާއިމްކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރަކީ ގިނަ މަޝްރޫއުތަކެއް ފެށޭނެ އަހަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.