ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދަރަވަންދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަރަވަންދޫ އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ.
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެރަށު އެއަރޕޯޓް ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށެވެ. އަދި އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް އެމަނިކުފާނު އިސްކަންދެއްވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އެ އެއަރޕޯޓު ތަރައްޤީކުރި ކުންފުންޏާ މަޝްވަރާކޮށް، އެއަރޕޯޓު އައިލެންޑު އޭވިއޭޝަނާ ހަވާލުކޮށްގެން ތަރައްްީކުރުމަށް ނިންމާފައިވާކަމަށެވެ.
“އިރާދަކުރެއްވިއްޔާ އެކަން ޤާނޫނާ ގަވާއިދާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދާނަން އެތަން ޑެވެލޮޕްކުރި ފަރާތާ މަޝްރާކޮށްގެން. އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް އެކަންކުރުމަށް.”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި، ދަރަވަންދޫއަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް ގަސްތުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަމީހު ވިދާޅުވީ އެރަށު އެއަރޕޯޓަކީ އެންމެ ބޮޑު އާމްދަނީ ލިބޭ އެއަރޕޯޓު ނަމަވެސް އެތަނަކީ އެންމެ ނިކަމެތި އަދި ޚިދުމަތްތަކުގެ ފެންވަރު ދަށް އެއަރޕޯޓެއްކަމަށެވެ. އެއީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއަރޕޯޓެއްކަމަށާއި އެއަރޕޯޓް ތަރައްޤިކުރުމާއި ނުކުރުން އެއީ ކޯސްޓްލައިން ކުންފުންޏަށް އޮތް އިހްތިޔާރެއް ނޫންކަމަށެވެ.
“ދެ ރަށްދީފައި ރިސޯޓް ހަދާފައި އެއަރޕޯޓު ތަރައްޤީކުރުމަށް ދިނީމައި އެކަން ކުރެވެންޖެހޭނެ. ވޭތުވެދިޔަ ސަރުކާރުތަކުގައި އަޅުގަނޑުމެން އެކަމާ ނުދާ އެއްވެސް މިނިސްޓްރީއެއް ރައީސުލްޖުމްހޫރިއްޔާއެއް ނުހުންނާނެ. ކޯސްޓްލައިނަށް ދިޔާމަ ވަރަށް ރީތި ޗާޓެއްދައްކާ. ބުނަނީ ފައިސާއެއްނެތޭ. ޓަކި ނުޖަހާ އެއްވެސް މިނިސްޓްރީއެއް ނުހުންނާނެ. ނަމަވެސް އަމަލީ ސިފައެއް ނާދޭ.”ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޗާލު ތަނަކަށް ހެއްދެވީ ރައީސް ޑރ. މުޢިއްޒުކަމަށާއި، ހަމައެފަދައިން ދަރަވަންދޫ އެއަރޯޓުވެސް ތަރައްްޤީކުރުމަށް ރައްޔިތުންނާއި ފަތުރުވެރިންވެސް ބޭނުންވާކަމަށެވެ.
ބ.ދަރަވަންދޫގައި އެއަރޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރު ފާއިތުވެފައެވެ. 2012 ވަނަ އަހަރު ހުޅުވި އެއަރޕޯޓާއެކު ބ.އަތޮޅަށް އަންނަ ފަތުރުވެރިންނާއި އެނޫންވެސް ގިނަމީހުން އެންމެ ފުރަތަމަ ފައިބާ އެއް ރަށަކަށް ދަރަވަންދޫ ވެގެންދިޔައެވެ. މީގެ އިތުރުން އެއަރޕޯޓާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާވާން ފެށިއެވެ. މިވަގުތުވެސް 400 ޓޫރިސްޓު އެނދު އެރަށުގައި ހިންގައެވެ. އެހެން ނަމަވެސް ފާއިތުވި މުއްދަތުގެތެރޭގައި އެއަރޕޯޓަށް އެއްވެސް ތަރައްޤީއެއް އައިސްފައިނުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއެވެ. ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓެވެ.