ޚަބަރު

އެމެރިކާއާއި ރާއްޖޭގެ ގުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން: ވަޒީރު ޑރ.ޚަލީލް


  • ދެ ޤައުމުގެ ގުޅުމުގެ އަސްލަކީ ކުރެވޭ މަޝްވަރާތައްކަމަށް ވަޒީރު ވިދާޅުވި

  • ދެ ޤައުމު ދެމެދު ޚަރިޖީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރު

ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވަރުގަދަވުމުގެ އަސްލަކީ، ދިފާޢީ ދާއިރާ އާއި ވިޔަފާރި ދާއިރާގެ އިތުރުން ހިންގުމުގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ފަރާތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާ އެމްބަސީގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އުއްތަމަ ފަންޑިޔާރު އަބްދުލް ޣަނީ މުޙައްމަދާއި ސަރުކާރުގެ ވަޒީރުންނާއި، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު އަބްދުﷲ ޚަލީލުގެ ވާހަކަފުޅު ބިނާކުރެއްވީ، ރާއްޖެއާއި އެމެރިކާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. ދެ ޤައުމު ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދެ ޤައުމުގެ ވެރިކަން ކުރާ ރަށުގައި ސަފާރާތައް ޤާއިމްވުމާއެކު ދެ ޤައުމު ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި އައު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ. މީގެއިތުރުން 3 ދާއިރާއަކުން ކުރެވުނު މަސައްކަތްތަކާއެކުވެސް ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

" ދިފާޢީ ދާއިރާ، ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ފާހަގަކޮށްލެވޭ. މިކަންކަމުގެ އިތުރަށް ދެ ޤައުމުގެ މަސްލަހަތު ހިމެެނޭ ކަންކަމުގައި ކުރެވޭ މަޝްވަރާތައް ވެފައިވަނީ ގުޅުން ވަރުގަދަ ވުމުގެ އަސްލަކަށް. މި ވޭތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއާއި، އެމެރިކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ވެއްޖެ ދެ ޤައުމުގެ އިސްވެރިންގެ މަތީ ފަންތީގެ ދަތުރުފުޅުތަކުން. " ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންވެސް ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރެވުމަކީ ދެ ޤައުމަށްވެސް މުހިންމުކަމެއްގެ ގޮތުގައި ސަފީރު ޔޮން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، އެމެރިކާއާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ވަނީ އިފްތިތާޙްކޮށްފައެވެ. އެ ޖަމިއްޔާއިން ބުނާގޮތުން ދިވެހި ސަރުކާރުގެ ލަނޑުދަނޑިތަކާއި އަމާޒުތައް ހާސިލްކުރުމަށް އެޖަމިއްޔާގެ އެއްބާރުލުން ލިބޭނެއެވެ.

ރާއްޖެއާއި އެމެރިކާގެ ދެމެދު ޚަރިޖީ ގުޅުން ރަސްމީކޮށް ގާއިމްކުރީ 1966 ވަނަ އަހަރުއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް އެއް ޤައުމަކީވެސް އެމެރިކާއެވެ. މީގެއިތުރުން އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި 2023 ވަނަ ހުޅުވައި، ރާއްޖެއަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސަފީރެއް އެ ޤައުމުން އެ އަހަރު އައްޔަންކޮށްފައެވެ.