ޚަބަރު

ހިތްގައިމު ޒަމާނީ ޢިމާރާތަކާއެކު، އަވަސް ޚިދުމަތެއް ލިބުމުގެ ފުރުޞަތު


ރާއްޖޭގެ އެންމެ އުތުރުން ޞިއްޙީ ޚިދުމަތަށް އެންމެ ގިނަބަޔަކު ބަރޯސާވާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. މުޅި ބޮޑުތިލަދުންމަތީގައިވެސް ޞިއްޙީ ޚިދުމަތަށް އެންމެ ބޮޑު ޑިމާންޑެއްވެސް އޮތީ އެ ހޮސްޕިޓަލަށެވެ.

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދާ މި ހޮސްޕިޓަލަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ. އެކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ އޯޕީޑީ ޢިމާރާތުގެ މަސައްކަތް ނިންމާ، މިހާރު މިވަނީ ބޭނުންކުރަން ފަށާފައެވެ.

މިއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގައިވެސް ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އައު އޯޕީޑީ އިމާރާތަކީ ޒަމާނީ ހިތްގައިމު ކޮންސެޕްޓަކަށް ޑިޒައިންކޮށްފައިވާ އިމާރާތެކެވެ. މިތަނުގައި 24 ކޮންސަލްޓޭޝަން ރޫމާއި، ފަރުވާދޭ ކޮޓަރިއަކާއި، 1 ޕްރޮސީޖަރ ކޮޓަރި ވަނީ ތަރައްޤީކޮށްފައެވެ. ހަމައެހެންމެ ނަރސިންގ ސްޓޭޝަނަކާއި، 6189 އަކަ ފޫޓުގެ ވެއިންޓިންގ ލައުންޖެއް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން 32 ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބަހައްޓާ، ސީސީޓީވީ ކެމެރާ ސިސްޓަމެއްވެސް އިންސްޓޯލްކޮށްފައިވެއެވެ.

އައު އޯޕީޑީ އިމާރާތް ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެފައިވާކަން އެ ހޮސްޕިޓަލުންވެސް ފާހަގަކުރެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީ.އީ.އޯ އަޙްމަދު ދާއޫދު ވިދާޅުވީ، އައު އިމާރާތާއެކު ލިބިގެންދާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ދުރު ދަތުރުތައްކޮށްފައި ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށްވެސް، ފަސޭހަކަމާއެކު ޑޮކްޓަރަށް ދައްކާ ޚިދުމަތް ހޯދާނެ މަގު ތަނަވަސްވެގެންދިއުންކަމަށެވެ. އަދި އެކަމަށް ހޭދަވާ ވަގުތު ސަލާމަތްކޮށްދެއްވުންކަމަށެވެ.

"އޯޕީޑީ އިމާރާތް ޑިޒައިން ކުރެވިފައިވާގޮތުން ތަނުގެ އެމްބިއެންސްވެސް ފުދޭވަރަކަށް ރަނގަޅުވާނެ. އަރާމު ހިތްފަސޭހަ މާޙައުލެއް ލިބިގެންދިއުމަކީ ތަނަށް ޒިޔާރަތްކުރާ ބަލި މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކާ ތަނުގެ އެ ހިތްހަމަޖެހުމާއި، އަޅުގަނޑުމެންގެ ޚިދުމަތް ދޭން ތިބޭ ފަރާތްތަކުގެ އޯގާތެރިކަމާއި އަޅާލުން ވަރަށް މުހިއްމު. މި ބަދަލާއެކު މުވައްޒަފުންނަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ" ދާއޫދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތަށް ޖެނެރަލް އޯޕީޑީއާއި، ސްޕެޝަލިސްޓް އޯޕީޑީގެ ޚިދުމަތް މިހާރު ވަނީ ބަދަލުކޮށްފައެވެ. ޖާގައިގެ ދަތިކަން ހުރުމާއެކު ސްޕެޝަލިސްޓުންގެ ޚިދުމަތް މީގެކުރިން ދެމުންދިޔައީ ދެ ދަންފަޅިއަކަށެވެ. ނަމަވެސް އައު އިމާރާތާއެކު އެއް ދަންފަޅިއަކުން ގިނަ ޑޮކްޓަރުންނަށް ބަލި މީހުން ބެލޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.

މި އިމާރާތް ބޭނުންކުރަން ފެށުމާއެކު ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގަޑިތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ބޭސްއެޅުމާއި ސާމްޕަލް ނެގުން ކުރިއަށްދާނީ ހެނދުނު 8 އިން ރޭގަނޑު 7 އަކަށެވެ.

ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ނުވަތަ ޙާއްސަ ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 8:30 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. އަދި އާއްމު ބަލިތަކުގެ އޯޕީޑީ ކުރިއަށްދާނީ ހެނދުނު 8 އިން ރޭގަނޑު 10 ޖެހުމާއި ހަމައަށެވެ. ނަމަވެސް އިމަރޖެންސީގައި ދެވޭ ފަރުވާ 24 ގަޑިއިރު ލިބެމުންދާނެއެވެ.

އައު އިމާރާތަށް ލެބޯޓްރީގެ ސާމްޕަލް ކަލެކްޝަން އޭރިއާއާއި، ޑްރެސިންގ ޕްރޮސީޖަރ ރޫމު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް އޮޕަރޭޝަނަށް ގެނެވޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.