އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި 74 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވުއިރިރު ޔުނައިޓެޑަށް 6 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އޮތީ ތާވަލުގެ 12 ވަނައިގައެވެ. ޓޮޓްނަމް އަށް 6 މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު އޮތީ ތާވަލުގެ 18 ވަނައިގައެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި ބްރަޔަން އެމްބުއޭމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޔުނައިޓެޑް އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ފަސްވަނަ މިނިޓުފަހުން ޓޮޓްނަމްގެ ރޮޑްރިގޯ ބެންޓަންކޫ ޔުނައިޓެޑްގެ ލޫކް ޝޯއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ޓޮޓްނަމް އިން ކުޅުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަށް ވަނީ އިތުރު ޕްރެޝަރތަކާއި ކުރިމަތިލާން ޖެހިފައެވެ. އިދިކޮޅު ޓީމުން 10 ކުޅުންތެރިންނާއިއެކު ކުޅުނު ނަމަވެސް މި ސީޒަނުގައި މިއީ ޔުނައިޓެޑަށް އެ ޓީމުތައް ބަލިނުކުރެވުނު ދެވަނަ މެޗެވެ. މީގެ ކުރިން ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ނިމިގެން ގޮސްފައިވަނީ މިފަދަ ގޮތަކަށެވެ.
އަދި މި މެޗުގައި ޔުނައިޓެޑުން ދައްކާފައިވާ ދަށް ކުޅުމާޢިއެކު ސަޕޯޓަރުންގެ ނުރުހުންވަނީ ކޯޗު މައިކަލް ކެރިކަށް އަމާޒުވެފައެވެ.