ޚަބަރު

މެރިކަލްޗަރ ޓްރެއިނިން ޕްރޮގްރާމުގެ މިއަހަރުގެ 3ވަނަ ބުރު ފަށައިފި


  • މިފަހަރުގެ ކޯހުގައި 15 ބައިވެރިން ވަނީ ބައިވެރިވެފައި

  • މިހާރު ކުރިއަށްމިދަނީ މީގެ 7 ވަނަ ޕްރޮގްރާމް

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމް" ގެ މި އަހަރުގެ ތިންވަނަ ބުރު ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ.

މިފަހަރުގެ ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 15 މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ 14 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމުގައި، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ކިޔާދޭނެއެވެ.


މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މެރިކަލްޗަރ ދާއިރާއިން ދިވެހިންގެ ގާބިލުކަން އިތުރުކުރުމާއި، ރާއްޖޭގެ އެކުއާކަލްޗަރ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ. މި ދާއިރާއިން މީހުން ބިނާކުރުމަށް މީގެކުރިން ކޮންމެ އަހަރަކު 2 ޕްރޮގްރާމް ހިންގިނަމަވެސް މި އަހަރުން ފެށިގެން 4 ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިހާރު ކުރިއަށްމިދަނީ މީގެ 7 ވަނަ ޕްރޮގްރާމެވެ. މިހާތަނަށް މީގެ ދަށުން 76 މީހުން ތަމްރީން ކުރެވިފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.