ޚަބަރު

ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ޙިއްސާ ވަރަށް ބޮޑު : ޝާހިދު


ރާއްޖޭގެ ތަރައްޤީގައި އަވައްޓެރި އިންޑިއާގެ ހިއްސާ ވަރަށް ބޮޑުކަމަށް މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގައި އެންމެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ޢިއުލާން ކުރެވިގެންދިޔަ ހަނިމާދޫ އެއަރޕޯޓް މަޝްރޫޢުގައި އިންޑިއާގެ އެހީތެރިކަން އޮތް އޮތުންކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީއަށް މުހިއްމު ޤައުމެއްކަމަށެވެ.

މިގޮތުން ރާއްޖޭގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢެއްގައި އިންޑިއާގެ ހިއްސާއެއް އޮތުމަކީ ރާއްޖޭގެ ތަރައްޤީއަށް އެޤައުމުން އިސްކަންދޭކަމުގެ އަލިގަދަ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވެއެވެ. އަދި އިފްތިތާޙްކުރެވިގެންދިޔަ މިދިޔަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ހެޔޮ ބަދަލެއް އަންނާނެކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ކުރިއެރުވުމުގައި ފާއިތުވި އަހަރުތަކުގައި އަދި މިއަދާ ހަމަޔަށްވެސް އިންޑިއާ ސަރުކާރުން ދަނީ ކެނޑިނޭޅި ނުހަނު ގިނަ އެހީތަކެއް ވެދެއްވަމުން. އިންޑިއާއިން ހަމަޖައްސާދެއްވާފައިވާ ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން 173.4 މިލިއަން ޑޮލަރުގެ އެހީއަކީ ހިލޭ އެހީ. އަޅުގަނޑުމެން މިދަނީ މިއެހީތެރިކަމުގެ ދަށުން ޢުމްރާނީ ތަރައްޤީގައި ބޮޑެތި މަޝްރޫޢުތައް ހިނގަމުން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަން ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގެ ކުރިއެރުމަކީ އިންޑިއާއިން ޚާއްސަ އިސްކަމެއްދޭކަމެއްކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަކީ އިންޑިއާއިން އަބަދުވެސް އިސްކަންދޭކަމެއްކަމަށް ޑރ. ޖެއިޝަންކަރް ވިދާޅުވިއެވެ.

"ތަރައްޤީގައި އިންޑިއާގެ ތަޖުރިބާ އާއި ލިބުނު ފިލާވަޅުތަކަކީ މިރޮނގުން ކުރިއަރަމުން އަންނަ ޤައުމުތަކަށް އޮތް ރަނގަޅު މަގެއްކަމުގައި، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހެދުމަކީ އިންޑިއާގެ މުހިއްމު ސިޔާސަތެއް. ތަރައްޤީގައި ކުރިއެރުވުމަށް ހުރިހާ ސަރަޙައްދެއް ގުޅިގެން ދިޔުމަކީ މުހިއްމުކަމެއް، އެހެންކަމުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އުތުރު އެހެން ސަރަޙައްދުތަކާއި ގުޅުވައިދޭ ކަމެއްކަމަށް ވެގެންދާނެ."

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދަ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުންވެސް އިންޑިއާގެ އެހީގައި ޢާއްމުންގެ ދިރިއުޅުމުގައި ގުޅިފައިވާ އެތައް މަޝްރޫޢެއް އެންމެ އުތުރުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގެ އެކި ރަށްރަށުގައި އަންނަނީ ހިނގަމުންނެވެ. މީގެތެރޭގައި ފެނާއި ނަރުދަމާއާއި، މަގު ހެދުން ފަދަ އެތައް މަޝްރޫޢެއް އަންނަނީ ހިންގަމުންނެވެ.