ޚަބަރު

3700 އަށްވުރެ ގިނަ އެމްއާރްއައިއާއެކު ކުޅުދުއްފުށި ހޮސްޕިޓަލް ތާރީޚުގެ ތެރެއަށް


ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބާރޯސާވެފައި އޮތް އޮތުން ބަދަލުކުރެވިއްޖެއެވެ. އަތޮޅު ތެރޭގައި ހުރި ހޮސްޕިޓަލްތަކުން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު މަތިކޮށް، އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް މިދިޔަ އަހަރުތަކުގައި އެތައް ބަދަލުތަކެއްވަނީ ގެނެވިފައެވެ. މިކަމުގައި އެންމެ ބޮޑު ބަދަލެއް އައީ އެއް ސަބަބަކަށް ކޯވިޑްގެ ދުވަސްވަރު މާލެ ލޮކްޑައުންވުން ވަނީ ވެފައެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން އެންމެ ބޮޑު އަދި ޚިދުމަތުގައި އެންމެ ބޮޑަށް ތަރައްޤީވަމުން އަންނަ އެއް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއެވެ. އެ ހޮސްޕިޓަލަކީ އުތުރުގެ ހުރިހާ ރަށަކުންވެސް ސިއްޙީ ޚިދުމަތަށް އެންމެ ބޮޑަށް ބަރޯސާވާ މައި ހޮސްޕިޓަލެވެ.

ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ ޚިދުމަތަށް އެދިގެން މާލެއަށް އައުމަށްކުރާ ހޭދަ ކުޑަކޮށް އަތޮޅެތެރެއިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަތޮޅުގެ ގިނަ ބަޔަކު އެ ޚިދުމަތެއް ހޯދުމަށް މާލެއަށް ބަރޯސާވަމުން ދިޔަ އެއް ޚިދުމަތަކީ މެގްނެޓިކް ރެޒޮނެންސް އިމެއިޖިން ނުވަތަ އެމް.އާރް.އައިގެ ޚިދުމަތެވެ. އެހެންކަމުން އެ ޚިދުމަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއަ އޮފިސަރ މުޙައްމަދު މޫސާ ވިދާޅުވީ، އެމް.އާރް.އައިގެ ޚިދުމަތް ހޯދުމަށް އެއަތޮޅު ގިނަ ބަޔަކު މާލެ ދާކަމަށެވެ. އަދި ޑޮކްޓަރުންގެ ރިފަރަލްތަކަށް ބަލާލުމުން އެކަން ހާމަވާކަމަށްވެސް މޫސާ ފާހަގަކުރެއްވިއެވެ.

މާލެއަށް ކުރާ ދަތުރާއި ތިބުމުގެ ޚަރަދަށް ބޮޑުއެއްޗެއް ރައްޔިތުންގެ އަތުން ޚަރަދުވާއިރު ،އަލަށް ޤާއިމުކުރެވުނު އެމް.އާރް.އައި މެޝިނާއެކު މިކަމަށް ލުއިވެގެންގޮސްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ 20 މަސްކުރިން އެ ހޮސްޕިޓަލުގައި އެމް.އާރް.އައި މެޝިން ޤާއިމުކުރިފަހުން މިހާތަނަށް 3751 އެމް.އާރް.އައި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަދާފައިވާކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ހާމަކުރައްވައެވެ. މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 180 އަށްވުރެ ގިނަ މީހުންނަށް އެ ހޮސްޕިޓަލުން ވަނީ އެމް.އާރް.އައިގެ ޚިދުމަތް ދީފައެވެ.

ބޮޑުތިލަދުންމަތީގެ ސިއްޙީ ނިޒާމުގެ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްވާއިރު މިވީ 4 އަހަރުގެތެރޭގައި 4 ލައްކައަށްވުރެ ގިނަ މީހުންވަނީ އެހޮސްޕިޓަލުން ޚިދުމަތް ހޯދާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކޮށްފައިވާ އައުޓް ޕެޝަންޓުންގެ ތަފާސްހިސާބަށް ބަލާއިރު 2019 ވަނަ އަހަރު 102155 މީހުންވަނީ ޚިދުމަތް ހޯދާފައެވެ. 2020 ވަނަ އަހަރު 101362 މީހުން އަދި 2021 ވަނަ އަހަރު 110449 މީހުންވަނީ ޚިދުމަތް ހޯދާފައެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 98343 މީހުން އެހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް ހޯދާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްޤީކުރާ އެއް ހޮސްޕިޓަލެވެ. 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް މިހާރުވަނީ ބިންކަނޑައަޅާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ އަތޮޅުތެރޭގައި މީގެކުރިން ނުކުރާ އެތައް ސަރޖަރީތަކެއް ފާއިތުވި ދުވަސްތަކުގައި ކޮށްފައެވެ.