ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސްޓާޓަޕް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހާއި ހަމައަށެވެ.
ބީއެމްއެލް އިސްލާމިކްގެ 10ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ. އެހެން އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ 2 ވިޔަފާރިއަކަށެވެ.
ބީއެމްއެލުން ވިދާޅުވީ، ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
މި ގްރާންޓާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
"މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ." ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ސްޓާޓަޕް ގްރާންޓަށް އެދި 7 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022ވަނަ އަހަރުގައެވެ. އެއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލުން ދަނީ 2 ފަރާތަަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.